އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މާލޭގެ މައި މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ މަރާމާތުގެ މަސައްކަތުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތް ކުރަން ޖެހުނީ އަމީނީ މަގުގެ ހުޅަނގު ކޮޅުގެ ތާރުގަނޑު އުފުލި، އެ ސަރަހައްދު ބޭނުންކުރާ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާތީއެވެ. މިކަމާ ގުޅޭގޮތުން ވުޒާރާއިން ބުނީ، މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
އަމީނީ މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، ސެގްމަންޓް 11 އަދި 12 ގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި މިދިޔަ އަހަރުގެ ކުރީކޮޅުވެސް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ތާރުގަނޑަށް ދިމާވި މައްސަލަތަކަކާ ގުޅިގެން މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ނިމިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ ދަށުން، އަމީނީ މަގުގެ ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ވަނީ ތާރު އަޅާފައެވެ. މި މަގުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ނަމަވެސް، މަސައްކަތް ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު ހަލާކުވާން ފެށުމުން، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ރިއެކްޝަންސް





