
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ގެ މަޤާމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފި
މުސާރައެއް ނުނަންގަވާނެ
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން ޢައްޔަނުކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމުވެސް އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަޤާމުތަކެއްވެސް ފުރުއްވައިފައެވެ. އެމަނިކުފާނަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންއާ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަންއަކީ ވަރަށް ޤާބިލު ބޭފުޅެއްކަމަށެވެ. ރައީސް އެދިވަޑައިގެންނެވީ ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށެވެ. އަދި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންވެސް ރައީސް ރައީސް ދެއްވިއެވެ.
ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށެވެ.
ރިއެކްޝަންސް






