މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ފުރުސަތު ހުޅުވާލައިފި

1 hour ago - 20:59
Advertisement
Advertisement

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް އިންތިޒާމުކޮށް ބޭއްވުމަށް ޝައުގުވެރިވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މިއަދު ހުޅުވާލައިފިއެވެ.


މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަރުހީބުދީ ހިތްވަރު ދިނުމުގެ މަގްސަދުގައެވެ.


ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި، މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދޭ ފޯމު ފުރުމަށްފަހު، މި ހިނގާ މެއި މަހުގެ 31 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. މި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ރަސްމީ މުއާސަލާތީ ނިޒާމު ކަމަށްވާ "ޖެމްސް" މެދުވެރިކޮށެވެ.


މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް އެދި ހުށަހަޅާ ފޯމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ނަންބަރު 3339274 އާ ގުޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.


ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ސަރުކާރުން ބާއްވާފައިވަނީ ރ. ދުވާފަރުގައެވެ. މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައި އެއް ތަނބަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކޮށް، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement