ޒިންމާދާރު ނޫސްވެރިކަމަށް ބާރުދޭ މާހައުލެއް ގާއިމުކުރަންޖެހޭ: މެޑަމް ސާޖިދާ
ނޫސްވެރިކަމުގެ ފަންނުގެ އަސާސީ މަބްދައުތަކުގައި ހިފަހައްޓާ، ޒިންމާދާރު ނޫސްވެރިކަމަށް ބާރުދޭ ފަހި މާހައުލެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ކޮރަޕްޝަން ހުއްޓުވުމުގައި ނޫސްވެރިކަން އަދާކުރާ ދައުރަކީ ނުހަނު ބޮޑު އަދި އެހާމެ މުހިންމު ދައުރެއް ކަމަށެވެ. އަދި ދިރުންހުރި، ކުރިއަރަމުންދާ ޑިމޮކްރަސީއެއްގެ އަސާސްތައް ނެގެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ ދައުރު ބޮޑުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވި ގޮތުގައި، މިއަދަކީ ރާއްޖޭގެ ނޫސްތަކާއި މިނިވަން ނޫސްވެރިންގެ ފަންނީ އަހުލާގީ މިންގަނޑުތަކާމެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެކެވެ. އެކަމަނާ ބާރުއެޅުއްވީ މިހާރަށްވުރެ ޒިންމާދާރުކަމާއެކު، ފަންނުގެ އަސާސީ އުސޫލުތަކުގައި ހިފަހައްޓާ ނޫސްވެރިކަމަކަށް މަގުފަހިވާނެ މާހައުލެއް އޮތުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ނޫސްވެރިކަމުގެ އަސާސީ މަބްދައުތަކަށް އަލިއަޅުއްވާލައްވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ހަގީގަތް ހޯދުމާއި، ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ އިތުރުން، އަދުލުވެރިކަމާއި ވަކި އަތަކަށް ބުރަނުވުމަކީ ނޫސްވެރިކަމުގެ އެންމެ މުހިންމު ސިފަތައް ކަމަށެވެ.
މުޖުތަމައުތަކަށް ބޭނުންވާ ސައްހަ މައުލޫމާތު ފޯރުކޮށްދީ، ރައްޔިތުން ހޭލުންތެރިކުރުވުމަށް ނޫސްވެރިން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެކަމަނާ ވަނީ ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރިއެކްޝަންސް





