ރައްޔިތުން ބާރުވެރިކުރުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަން: ރައީސް
ރައްޔިތުން ބާރުވެރިކުރުވުމާއި، މަޢުލޫމާތު ހޯދައި، ޒިންމާދާރުކުރުވަނިވި، ހާމަކަންބޮޑު ޑިމޮކްރެޓިކް ވެށްޓެއް ކަށަވަރުކުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ޒިންމާދާރު ނޫސްވެރިކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މީޑިއާގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށާއި، ޚާއްޞަކޮށް ހީވާގި ދިވެހި ނޫސްވެރިންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީޑިއާއަކީ ދައުލަތުގެ ތިން ބާރު ގުޅުވައިދޭ "ހަތަރުވަނަ ބާރު" ކަން ފާހަގަކުރައްވައި، ޒިންމާދާރު ނޫސްވެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމްދީނުގައި މަތީ ދަރަޖައަކަށް ފުރުޞަތު ދީފައިވާ ކަމެއް ނަމަވެސް، އެކަމުގައި ހިފަހައްޓަންޖެހޭ އަޚުލާޤީ އިންތަކެއް ހުރެއެވެ. އެގޮތުން މުޖުތަމަޢުގެ މަޞްލަޙަތާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީން ބާރުއަޅާކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
ނޫސްވެރިންނަށް ފަހި އަދި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތުކަން ފާހަގަކުރައްވަމުން، ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް އެންމެ މަތީ ދަރަޖައިގައި ހޯދައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު އެރުއްވިއެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ނޫސްވެރިންނަށް މިހާރަށްވުރެ ފަހި އިންފޮމޭޝަން އިކޯސިސްޓަމެއް ޤާއިމުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ނޫސްވެރިކަމަކީ އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނެ ދާއިރާއަކަށް ހެދުމަށާއި، މީޑިއާ ހިންގުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަން ރައީސް ހާމަކުރެއްވިއެވެ. މީޑިއާގެ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވައި، ތަޢުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ދޭ ސަމާލުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ބަހުން ފޮނުއްވި މެސެޖުގައި، މިނިވަން ނޫސްވެރިކަމަކީ މަދަނީ ބައިވެރިވުން ވަރުގަދަކޮށްދޭ އަދި ތެދު މަޢުލޫމާތު ރައްކާތެރިކޮށްދޭ ވަސީލަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ނޫސްވެރިން ކުރާ އަގުހުރި މަސައްކަތް ސަރުކާރުން ބަލައިގަންނަކަން ހާމަކުރައްވައި، އެ މަސައްކަތުގައި ދެމިތިބުމަށް އިލްތިމާސްކުރެއްވިއެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ މީސްމީޑިއާ މެދުވެރިކޮށް ތަހުނިޔާ ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، މިއަދަކީ ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނައި، އެކަންކަން މުރާޖަޢާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





