މިމަހުގެ 18 އިން ފެށިގެން ހޮނިހިރު ދުވަހުވެސް ދާރުލްއާސާރު ހުޅުވަނީ
ގައުމީ ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށްދިނުމަށް ގިނަ ބަޔަކު އެދެމުންދާތީ، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކޮންމެ ހޮނިހިރު ދުވަހަކުވެސް ދާރުލްއާސާރު ހުޅުވާ ގޮތަށް ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ސަގާފަތާއި ފަންނާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ވުޒާރާއާއި ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކޮށް އެތަނަށް ޒިޔާރަތްކުރުމަށް އޮންނަ ފުރުސަތު ބޮޑުކޮށްދިނުމަކީ ގިނަ ބައެއްގެ އެދުމެއް ކަމަށެވެ.
"އެހެންކަމުން މިހާރު އަޅުގަނޑުމެން މަޝްވަރާކޮށް ނިންމާފައިމިވަނީ މިހާރު ރަސްމީ ދުވަސްތަކުގައި ހުޅުވާފައި ހުންނަ ހުރުމުގެ އިތުރުން އެކި ފަރާތްތަކުން އެ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ގައުމީ ދާރުލްއާސާރަށް ވަދެ އެތަންތަނުގައި ހުރި ބައެއް ކަހަލަ ކަންކަން ބަލައި ދިރާސާކޮށް ކިޔަވާ ކުދިންނާއި ރައްޔިތުންނަށް ވަދެވޭ ގޮތަށް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން ހަަވީރު 4:00 އަކަށް ހުޅުވަން،" ހީނާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި މަހުގެ 18 ވާ ހޮނިހިރު ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރަސްމީ ދުވަސްތަކުގައިވެސް ދާރުލްއާސާރު ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ނުވަތަ 10:00 އަށް ވަގުތު އިތުރުކުރުމަށް ވިސްނަވަމުންދާ ކަމަށާއި، އެކަމަށްޓަކައި އިދާރީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.
ރިއެކްޝަންސް





