
ސްރީލަންކާ އާއެކު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
މުހިއްމު ދެ ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. އެމްއޯޔޫތަކުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި ޚާރިޖީ ދާއިރާއިން ތަމްރީނުތައް ހިންގަން އެހީތެރިވުމާއި, މަޢުލޫމާތާއި އިދާރީ ރިސޯސް ހިއްސާކުރުންވެސް ހިމެނެއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔިކާ އާއެކު ކުރެއްވި މަޝްވަރާތަކަށްފަހުއެވެ.
ފުރަތަމަ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިޝަން އާއި ބަންޑާރަނައިކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރެއިނިންގ އިންސްޓްޓިއުޝަން އާ ދެމެދު ހާރިޖީ ގުޅުންތަކާބެހޭ ތަމްރީންތަކުގައި ދެފަރާތުން އެހީތެރިކަން ފޯރުކޯށްދިނުމަށް ވެވިފައިވަ އެއްބަސްވުމެކެވެ.
ދެން ސޮއިކުރެވުނުއެއްބަސްވުމަކީ ޖިނާއީ ކުށްތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުމެކެވެ. އެގޮތުން ކުށުގެ ތަޙުޤީގާއި ކުށްތަކާ ގުޅިގެން ހިންގާ ތަޙްޤީގަށް ލިބޭ ހެކި ގަރީނާގެ މައުލޫމާތު ބަދަލުކުރުމާއި, ކުށްތަކާ ގުޅިގެން ދައުވާ އުފުލުމުގައި ޤާނޫނީ އިޖްރާއަތްތައް ފުރިހަމަ ކުރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއީ ސްރީ ލަންކާގެ ރައީސްކަމުގެ މަޤާމާ މިދިޔަ ސެޕްޓެމްބަރު މަހު ހަވާލުވިފަހުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ރިއެކްޝަންސް






