
އަތޮޅު ފުޓްބޯޅަ މުބާރާތް މިއަހަރު ފަށަން އާ އެކްސްކޯގެ ފުރަތަމަ ބައްދަލުވުމުން ނިންމައިފި
އަތޮޅު ފުޓްބޯޅަ މުބާރާތް މިއަހަރު ފަށަން އެފްއޭއެމްގެ އާ އެކްސްކޯގެ ފުރަތަމަ ބައްދަލުވުމުން މިއަދު ނިންމައިފި އެވެ.
އަހުމަދު ތާރިގު (ޓޮމް)ގެ އެކްސްކޯއިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ހިންގުމާ ހަވާލުވެ މިއަދު ބޭއްވި ފުރަތަމަ އެކްސްކޯއިން ނިންމި އެންމެ މުހިއްމު ނިންމުމަކީ އަތޮޅު ފުޓްބޯޅަ މުބާރާތާއި, ޒޯން މުބާރާތާއި, އަދި ސަރަހައްދީ މުބާރާތްވެސް ފަށަން ނިންމުމެވެ. އެމުބާރާއްޔައް މިއަހަރުގެ ކަލަންޑަރުގައި ހިމަނަން އެކްސްކޯއިން ވަނީ ނިންމާފައެވެ.
އަތޮޅު މުބާރާތް އަވަހަށް ފަށަނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 86 ވަނަ މާއްދާގެ 9 ވަނަ ނަމްބަރުގައި ބަޔާންކުރާ ރީޖަނަލް އެސޯސިއޭޝަން އުފެއްދުމެވެ. އެކަން އަވަހަށް ފުރިހަމަ ކުރުމަކީ ޓޮމްގެ ވައުދެކެވެ.
މިއަހަރަކީ ރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރޭ އަހަރުކަމަށްވާތީ އެކަން ކުލަގަދަކޮށް ފާހަގަކުރަން 'ޑައިމަންޑް ޖުބިލީ ކޮމިޓީ' އުފައްދަންވެސް މިއަދު ނިންމިއެވެ.
މީގެއިތުރުން އެކްސްކޯއިން ނިންމި ކަންތައްތަކުގެ ތެރޭގައި ކޮމިޓީތައް އެކުލަވާލުމާއި, ކޮމިޓީތައް އެކުލަވާލާއިރު މެމްބަރުން ހުށަހަޅަން މެމްބަރު ހުރިހާ ކްލަބްތަކަށް ފުރުޞަތު ދިނުން ހިމެނެއެވެ. އަދި ގައުމީ ޓީމްތަކުގެ ކޯޗުންނާއި އޮފިޝަލުން އައްޔަން ކުރުމުގެ ކަންކަން އެކޮމިޓީތައް އެކުލަވާލުމުން ކުރިއަށް ގެންދާގޮތަށްވެސް ނިންމިއެވެ.
ރިއެކްޝަންސް






