ދައުރުން ބޭރު ޖަލްސާ ބުރާސްފަތި ދުވަހު ބާއްވަނީ
ރައްޔިތުންގެ މަޖިލިހުގެ މިދައުރުގައި ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފިއެވެ. އެޖަލްސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލިހުން މިހާރުވަނީ ޢާއްމުކޮށްފައެވެ.
ބުރާސްފަތި ދުވަހު ބާއްވާ ދައުރުން ބޭރު ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ކޮމިޝަންތަކަށް މެމްބަރުން އައްޔަން ކުރެއްވުމާއި, ކޮމިޝަން ތަކުގެ ރައީސުންނާއި ނައިބުރައީސުން އައްޔަން ކުރެއްވުމަށް މަޖިލިހުން ފާސްކުރުމެވެ. ޤާނޫނަށް ގެނައި ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބުރައީސުން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދީފައެވެ. އެކަމަކު އެބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވަނީ މަޖިލިހުގެ ރުހުމާއެކު ރައީސުންނާއި ނައިބުރައީސުން އައްޔަން ކުރެއްވުމަށެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާއަށް ވަނީ ހިޔުމަންރައިޓްސް ކޮމިޝަންގެ ނައިބުރައީސްކަމަށް ބޭފުޅަކު އައްޔަންކުރެއްވުމުގެ މައްސަލަ އެޖެންޑާކޮށްފައެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަނާއި ބްރޯޑްކާސްޓިންގ ކޮމިޝަނާއި, އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތަކާމެދު ގޮތެއް ނިންމެވުންވެސް ވަނީ އެޖެންޑާ ކުރައްވާފައެވެ. އެއިން ކޮންމެ ކޮމިޝަނަކުން ދެ މެމްބަރުން ވަނީ ހުސްވެފައެވެ.
މީގެއިތުރުން ވަޒީރުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލާއެކު ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަވެސް ވަނީ ބުރާސްފަތި ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރައްވާފައެވެ.
ރިއެކްޝަންސް