ވަގު ފޯމް ފުރަނީ ތާއީދު ނޯންނަ މީހުން, ޕީއެންސީއަކަށް ނުޖެހޭނެ އެކަން ކުރާކަށް- އަބްދުއްރަހީމް
ވަގު ފޯމް ފުރަނީ ތާއީދު ނޯންނަ މީހުން ކަމަށާއި, ޕީއެންސީއަކަށް އެކަން އެގޮތަށް ކުރަން ނުޖެހޭނެ އެކަން ޕީއެންސީގެ ޗެއަރޕަސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީއަށް ރައްދުދެއްވަމުން ރައްޔިތިންގެ މަޖިލިހުގެވެސް ރައީސް އަބްދުއްރަހީމް ރޭ ޕީއެންސީ ހަރުގޭގައި ވިދާޅުވީ ވަގަށް ފޯމް ފުރައިގެން މީހުން ވައްދަން ޕީއެންސީއަށް ނުޖެހޭނެ ކަމަށެވެ. އަދި ފައިސާ ދީގެން ފޯމް ފުރަންވެސް އެޕާޓީއަށް ނުޖެހޭނެ ކަމަށާއި, ސޮއި ފޯޖްކޮށްގެން ވެސް ޕީއެންސީއަށް ފޯމް ފުރަން ނުޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އެއީ ތާއީދު ނޯންނަ މީހުން ކުރާ ކަމެއް. ރައްޔިތުން ބަލައި ނުގަންނ ސިޔާސީ ލީޑަރުން ޕާޓީ ހެދީމަ އެޕާޓީތަކުން އެކަންތައްތައް ކުރާނީ. އެކަމަކު ރައްޔިތުންގެ ތާއީދާއި, ރައްޔިތުންގެ ލޯތްބާއި, ރައްޔިތުންގެ އިހުތިރާމް އޮންނަ ވެރިން ޕާޓީތަކަށް މެމްބަރުން ވައްދާކަށް ނުޖެހޭނެ އެހެން އެކަން އެގޮތަށް ކުރާކަށް" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ހަރުގޭގައި ކޮންމެ ރެއަކު ހަވާލުވާ އެތައްސަތޭކަ ފޯމަކީ މަޖުބޫރުކޮށްގެން ފުރާ ފޯމްތަކެއް ނޫން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ޕާޓީއަށް މެމްބަރުން ވެއްދުމަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި, ޕީއެންސީގައި ތިބީ އެތަޖުރިބާ ކޮށްފައިވާ މީހުން ކަމަށެވެ. ޕީއެންސީގައި ތިބީ ޕާޓީ ހަދަން ވަރަށް ފަރިތަ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބުވިއިރު ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 3022 ނަމަވެސް މިހާރު ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ޕާޓީއަކީ ޕީއެންސީ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި އަދި އެންމެ މެމްބަރުން ގިނައީ އެމްޑީޕީގައެވެ.
ރިއެކްޝަންސް