އަންނަ މަހުވެސް ރާއްޖޭގެ ހޫނުމިން އާދަޔާޚިލާފަށް މަތިވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި
އާންމު ގޮތެއްގައި ރާއްޖޭގެ ފިނިހޫނުމިން ހުންނަ ވަރަށްވުރެ، އަންނަ މަހުވެސް ހޫނުމިން މަތިވުމުގެ ފުރުޞަތު އެބައޮތްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ހިނގާ މަހާއި އަންނަ މަހަކީ ކޮންމެ އަހަރެއްގައިވެސް ރާއްޖޭގެ ސަރަޙައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. މިގޮތުން މި ދުވަސްވަރު އާންމުކޮށް އުޑުމަތި ސާފުވެ ވިލާ މަދުވުމާއި، ވައި މަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފެހެއްޓުމަކީ ހޫނުގަދަވާ މައިގަނޑު ސަބަބުތައް ކަމަށް އެ އިދާރާއިން ފާހަގަކުރައްވައެވެ.
މެޓް އޮފީހުން އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި ދުވަސްވަރު ދުވާލުގެ ހޫނުމިން މަތިވާ މިންވަރާއި ރޭގަނޑުގެ ފިނިކަން ދަށްވާ މިންވަރާ އަޅާބަލާއިރު ފަރަގު ވަރަށް ކުޑައެވެ. މީގެ ސަބަބުން، އާންމު ވައިގެ ހޫނުމިނަށްވުރެ، މީހުންނަށް އިޙްސާސްކުރެވޭ ހޫނުމިން (ފީލްސް-ލައިކް ޓެމްޕަރޭޗަރ) މަތިވެގެންދެއެވެ.
އަންނަ މަހުގެ މޫސުން ލަފާކުރަމުން އެ އިދާރާއިން ވިދާޅުވީ، އާންމު ގޮތެއްގައި ހުންނަ މިންވަރަށް ވުރެ ފިނިހޫނުމިން އަންނަ މަހުވެސް މަތިވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދުވަހުގެ ހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 14:00 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މި ދުވަސްވަރަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ހޫނުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އާންމުކޮށް އޭޕްރީލް މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ނަމަވެސް، މިއަހަރުގެ މި ދުވަސްވަރު އިޙްސާސްކުރެވޭ ހޫނުމިން އާދަޔާޚިލާފަށް މަތިވަމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް









