ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމަށް މަޝްވަރާކޮށްފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ މިފްކޯގެ ވަފުދަކުން މިހާރު ޖަޕާނުގެ ޓޯކިޔޯއަށް ކުރަމުންދާ ރަސްމީ ޒިޔާރަތުގެ ތެރެއިން، ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށާއި، އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި، ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މީގެ އިތުރުން، ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި، އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި އެ ކުންފުނީގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ. ޖަޕާނަކީ ދިވެހި މަހުގެ އުފެއްދުންތަކަށް ބޮޑު ތަރުޙީބެއް އޮންނަ މާކެޓަކަށް ވުމާއެކު، މި މަޝްވަރާތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފްކޯގެ އުފެއްދުންތައް ޖަޕާނަށް އެކްސްޕޯޓްކުރުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





