ތެލުގެ ސްޓޮކް ހުސްނުވެ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި
ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ދުނިޔޭގެ ބާޒާރުގެ ބަދަލުތަކުން ރައްޔިތުންނަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ރޭވުންތެރި އަދި ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ. އެގޮތުން، އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސަޕްލައި މެދުނުކެނޑި ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މި ހަފުތާގެ ތެރޭގައި ވެސް ތެލުގެ އާ ދެ ޝިޕްމެންޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. އެސްޓީއޯއިން ތެޔޮ އެތެރެކުރަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަނޑައެޅިފައިވާ ތާރީޚުތަކާ އެއްގޮތަށް ތެލުގެ އިތުރު ޝިޕްމެންޓްތައް ރާއްޖެއަށް ލިބޭނެ ގޮތަށް ޝެޑިއުލް ކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ދުނިޔޭގެ ސިޔާސީ އަދި އިގްތިސާދީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ތަކެތި މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތެވެ.
ރިއެކްޝަންސް





