
މިދިޔަ ހަފްތާގައި 54,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
މިދިޔަ ހަފްތާގައި އެކަނި ރާއްޖެއަށް 54,525 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ދުވާލަކަށް އެވްރެޖްކޮށް 7,000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ.މި ތަފާސް ހިސާބުތަކަށް ބަލާއިރު މި ހަފްތާގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތް، ރަޝިއާ އަދި އިޓަލީންނެވެ. އިނގިރޭސިވިލާތުން އެކަނި 5,902 ފަތުރުވެރިން އައިސްފައިވެއެވެ.
މިއަދަދުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 389,223 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 7.3 އިންސައްތައިގެ ކުރިއެރުމެކެވެ.
މިހަފުތާގައި އެންމެ ގިނަ ފަތުރުވެރިން އިނގިރޭސި ވިލާތުން އައިސްފައި ވީނަމަވެސް މިއަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 56,150 ފަތުރުވެރިންނެވެ. މި ލިސްޓުގެ ދެވަނަ ރަޝިއާ އަށް ލިބެނީ 38,505 ފަތުރުވެރިންނާއި އެކުގައެވެ.
މިދިޔަ އަހަރު ނިމުނު އިރު މުޅިން އަލަށް ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައި ވަނީ 2.2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
ރިއެކްޝަންސް






