
އެއްބަސްވުމާ އެއްގޮތަށް އިޒްރާއިލުން ފަލަޞްޠީނުގެ 620 އަސީރުން މިނިވަންކުރަން އިންކާރުކޮށްފި
ހަމާސް އާއި އިޒްރާއިލްއިން ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިއްޔެ ހަމާސްއިން މިނިވަންކުރި 6 ރަހީނުންގެ ބަދަލުގައި އިޒްރާއިލްގެ ޖަލުތަކުގައިތިބި 620 އަސީރުން މިނިވަންކުރުން އިޒްރާއިލްއިން ފަސްކޮށްފިއެވެ. މި ނިންމުމާއެކު ފަލަޞްޠީނުގެ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. ހަމާސްއިން ވަނީ އިޒްރާއިލްގެ މި ނިންމުން ކުށްވެރިކޮށްފައެވެ.
އިޒްރާއިލްގެ މި ނިންމުމުގެ ހުއްޖަތެއް ކަމަށް ދައްކާފައިވަނީ ހަމާސްއިން ރަހީނުން މިނިވަންކުރާއިރު ބާއްވާ ރަސްމިއްޔާތުގައި ރަހީނުންނަށް ކުޑައިމީސްވާގޮތަށް އަމަލުތައް ބަހައްޓާ ކަމަށް ބުނެއެވެ. ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްއިން ދެން މިނިވަންކުރާ އަސީރުން މިނިވަންކުރާއިރު އެފަދަ ރަސްމިއްޔާތެއް ނުބާއްވާނެކަމުގެ ޔަޤީންކަން ނުދެނީސް ފަލަޞްޠީނުގެ އަސީރުން މިނިވަން ނުކުރާނެ ކަމުގައެވެ.
އިއްޔެ ބޭއްވި ހަފުލާގައި މިނިވަންވި ބައެއް ރަހީނުންވެސް ޣައްޒާ ދޫކޮށް ދިއުމުގެ ކުރިން ހަމާސްގެ މުޖާހިދުންގެ ބޮލަށް ދޮންދީ, އެއްވެފައިވާ މީހުންނާ އަތުން ހަނާއަޅާ އުފަލުން ވަދާއު ކިޔަމުންދާތަން ފެންނަ މަންޒަރުތައް ހިމެނޭ ވީޑިއޯތައް އާންމުވެފައިވެއެވެ. ބެލެވޭ ގޮތުގައި އިޒްރާއިލްއިން ހިތްހަމަނުޖެހުނީ އެ މައްސަލައާ ގުޅިގެންނެވެ.
ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގައި އަސީރުންނާއި ރަހީނުން މިނިވަންކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑެއް ކަނޑައަޅާފައެއް ނުވެއެވެ. ޖެނުއަރީ 19ގައި އަމަލުކުރަންފެށި އެއްބަސްވުމާއެކު މިއަދާހަމައަށްވެސް ހަމާސްއިން ރަހީނުން ދޫކުރުމުގައި އަމަލުކޮށްފައިވަނީ ކޮންމެ ފަހަރަކުވެސް ހަމަ އެއްގޮތަކަށެވެ.
ނަތައްޔާހޫގެ މިފަދަ ނިންމުންތަކުގެ ސަބަބުން ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމަށް އެކި ފަހަރުމަތިން ވަނީ ހިޔަނި އެޅި, އެއްބަސްވުން ނިމިދާނެކަމުގެ ބިރު ހީވެފައެވެ. ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު އިއްޒަތު އެލް-ރަޝްޤް އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވެސް އިޒްރާއިލްއިން ކަނޑައެޅިގެން އެއްބަސްވުމުގެ ބައިތަކާ ހިލާފްވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ފަލަޞްޠީނުގެ އަސީރުންގެ 620 މީހުން މިނިވަން ކުރުމަށް ހަމަޖެހިފައި ވަނީ އިއްޔެއެވެ. ހަމާސްއިން ވަނީ އެއްބަސްވުމާ އެއްގޮތަށް މިނިވަންކުރަން ކަނޑައެޅި 33 ރަހީނުން އިއްޔެއާ ހަމައަށް މިނިވަންކޮށް ނިންމާ, މަރުވެފައިވާ ފަރާތްތަކުގެ ހަށިތައްވެސް އިޒްރާއިލްއާ ހަވާލުކޮށްފައެވެ. އެއީ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރަން ކަނޑައެޅުނު އަދަދެވެ.
ރިއެކްޝަންސް






