ހަމާސްގެ ވެރިޔާ އިސްމާއިލް ޙަނިއްޔާ މަރާލިކަމަށް އިޒްރާއިލްއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ
އިޒްރާއިލްގެ ޑިފެންސް މިނިސްޓަރު އިޒްރާއިލް ކަޒް ވަނީ ހަމާސްގެ ލީޑަރުގެ 'ކަރުބުރިކޮށްލި' ގޮތަށް ހޫތީންނަށް ހަދާނެ ކަމުގެ އިންޒާރު ދީފައި
ހަމާސް ލީޑަރު އިސްމާއިލް ޙަނިއްޔާ މަރާލިކަމަށް އިޒްރާއިލްއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެއެވެ. އިޒްރާއިލްގެ ދިފާއީ ވަޒީރު, އިޒްރާއިލް ކަޒް ޔަމަނުގެ ހޫތީންނަށް ދިން އިންޒާރަކާއެކު ވަނީ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ މަރާލީ އިޒްރާއިލްއިން ކަމުގައި ބުނެފައެވެ.
ހޯމަ ދުވަހުގެ ހަވީރު އިޒްރާއިލްގެ މިލިޓަރީގެ މެމްބަރުންނާއެކު ބޭއްވި ރަސްމިއްޔާތެއްގައި ކަޒް ބުނެފައިވަނީ އެމީހުން މީގެ ކުރިންވެސް ވާނީ "ނުބައިކަން" ނެތިކޮށްލާފައި ކަމަށާއި, ހަމަ އެގޮތަށް ވޭންދެނިވި ގޮތަކަށް ހޫތީންނާމެދުވެސް އަމަލުކުރާނެ ކަމަށް ބުނެފައެވެ.
"ހޫތީންގެ ޓެރަރިސްޓް ޖަމާއަތުން އިޒްރާއިލްއަށް މިސައިލް ހަމަލާ ދެންޏާ އަހަރެން ބޭނުން އެމީހުންނަށް ވަރަށް ސާފު މެސެޖެއް ދޭން. އަހަރެމެން ހަމާސް ބަލިކޮށްފިން. އަހަރެމެން ހިޒްބުالله ވެސް ބަލިކޮށްފިން. އަހަރެމެން އީރާނުގެ ދިފާއީ ނިޒާމް ކަނު އެއްޗަކަށް ހަދައިފިން. އަދި އެމީހުންގެ އުފެއްދުންތެރިކަމުގެ ނިޒާމް ފުނޑުފުނޑު ކޮށްލައިފިން. އަހަރެމެން ސީރިއާގެ ބައްޝާރުލް އަސަދުގެ ވެރިކަންވެސް ނިމުމަކަށް ގެނެސްފިން" ކަޒްގެ ވާހަކަ ފަށަމުން ބުނެފައިވެއެވެ.
ޙަނިއްޔާ މަރާލިކަމަށް އެއްބަސްވެ އިޒްރާއިލްއިންވަނީ އެމީހުން (އިޒްރާއިލް އިން) ހޫތީންގެ އިންފްރާ ސްޓްރަކްޗަރ ތައްވެސް ހަލާކު ކޮށްލާނެ ކަމަށާއި, ޣައްޒާ, ތެޙްރާން އަދި ލުބުނާނުގައި އިސްމާއިލް ޙަނިއްޔާ, ޔަޙްޔާ ސިންވާރު އަދި ޙަސަން ނަޞްރުالله ގެ ބޯ ކަނޑާލިގޮތަށް ހޫތީންނާ މެދު އަމަލު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. އެކަން ކުރާނީ ޔަމަނުގެ ބިމުގައި (ހޮދައިދާ އަދި ސަނައާ) ގައި ކަމުގައިވެސް އޭނާ އިތުރަށްވަނީ ވަނީ ބުނެފައެވެ.
ހޮނިހިރު ދުވަހު ހޫތީން އިޒްރާއިލްގެ ވެރިރަށް ތެލް އަވީވް އަށް ހޫތީން ދިން މިސައިލް ހަމަލާތަކެއްގައި 12 މީހަކު ޒަޙަމް ވެފައިވާކަމަށް އިޒްރާއިލްއިން ވަނީ ބުނެފައެވެ. އިޒްރާއިލްގެ އަސްކަރީ އަމާޒަކަށް ހައިޕަސޮނިކް ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ހޫތީން ދިން ހަމަލާ ނާކާމިޔާބު ވެފައިވާ ކަމަށާއި އެހަމަލާ އަމާޒުވީ ޕާކަކަށް ކަމުގައިވެސް އިޒްރާއިލްއިން ވަނީ ބުނެފައެވެ.
ރިއެކްޝަންސް