ތިލަފުށި ޕޯޓް އިމާރާތް ތަރައްގީކޮށް ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ
ފޮޓޯ- ޕީއެސްއެމް ނިއުސް

ތިލަފުށި ޕޯޓް އިމާރާތް ތަރައްގީކޮށް ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

2 hours ago - 14:30
Aug 28, 2026 - 14:37

ތިލަފުށީގައި އަލަށް ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ އިމާރާތްތައް ތަރައްގީކޮށް، އެތަނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ.


އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ދަށުން ތިލަފުށީ ބަނދަރަށް ބޭނުންވާ އޮޕަރޭޝަނަލް، އެޑްމިނިސްޓްރޭޓިވް، ކާގޯ ހޭންޑްލިން، ވެއާހައުސިން، ޔޫޓިލިޓީ، ސޭފްޓީ، ވެލްފެއާ އަދި ލޮޖިސްޓިކްސްގެ އެންމެހައި ވަސީލަތްތައް ތަރައްގީކުރެވިގެންދާނެއެވެ. މީގެ އިތުރުން ޒަމާނީ ކޮންޓެއިނާ ޓާމިނަލަކާއި، މަލްޓި-ޕާޕަސް ޓާމިނަލްތަކުގެ އިތުރުން، އަވަހަށް ހަލާކުވާ ފަދަ މުދާ ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖްތަކާއި ބޮންޑެޑް ވެއާހައުސްތައް ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.


މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުސަތު ވަކިވަކި ކުންފުނިތަކަށާއި، ޖޮއިންޓް ވެންޗާސްތަކަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ. އެހެންކަމުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެންބަރު މަހުގެ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.


މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވައުދުފުޅެކެވެ. މާލޭ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ މި މަޝްރޫއުގެ މައިގަނޑު އެއް ބޭނުމެވެ.


ތިލަފުށި ޕޯޓް މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީކުރުމުގެ މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައިވަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާއެވެ. އެ ކުންފުނީގެ ދަށުން 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްއަކާއި، މާލޭގެ އުތުރު އަދި ހުޅަނގު ދެކުނު ބަނދަރު ބޭނުންކުރާ އުޅަނދުތަކަށް ހާއްސަކޮށްގެން 2,000 މީޓަރުގެ ޑޮމެސްޓިކް ޓާމިނަލެއް ތަރައްގީކުރާނެއެވެ.


މީގެ އިތުރުން، މި މަޝްރޫއުގެ ބައެއް މުހިންމު މަސައްކަތްތައް މިދިޔަ މަހު ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ވެސް ހަވާލުކޮށްފައެވެ. އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުމާއި، ތިން ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow