ތިމާވެށީގެ މާލީ އެހީގެ ނިޒާމުތައް ބައްޓަންކުރަންވާނީ ކުދި ޖަޒީރާ ޤައުމުތަކުގެ ހާލަތަށް ރިއާޔަތްކޮށް: ވަޒީރު ޢަލީ ޝަރީފް
ތިމާވެއްޓާ ގުޅޭ ބައިނަލްއަޤްވާމީ އެކި މުއާހަދާތަކާއި ކޮންވެންޝަންތައް އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ބައްޓަންކުރަންވާނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޚާއްޞަ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ ހާލަތަށް ފުރިހަމައަށް ރިއާޔަތްކޮށްގެންކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން ޓު ކޮމްބެޓް ޑެޒަޓިފިކޭޝަން (ޔޫ.އެން.ސީ.ސީ.ޑީ) ގެ 17 ވަނަ ކޮޕް ސަމިޓް (ކޮޕް17) ގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ރިޔާސީ މަޝްވަރާ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ.
"ފްރޮމް އެމްބިޝަން ޓު އެކްޝަން: ޑެލިވަރިން ރިއޯ ސިނާޖީސް އެކްރޮސް ދަ ޓްރިޕަލް ކޮޕް އިޔާ" ގެ ނަމުގައި ކުރިއަށްދިޔަ މި ބައްދަލުވުމަކީ، ރިއޯ ކޮންވެންޝަންތަކުގެ މިހާރުގެ އަދި ކުރިއަށް އޮތް ދައުރުތަކުގެ ރިޔާސަތުތައް އެއްތަންކޮށްގެން ބޭއްވުނު މުހިންމު ސެޝަނެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ 2026 ވަނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ "ޓްރިޕަލް ކޮޕް އިޔާ" އިފްތިތާޙު ކުރުމަށާއި، ކޮޕް 31 ގެ ރިޔާސަތުގެ ދަށުން "ރިއޯ ސިނާޖީސް ގްރޫޕް ފޯ އެކްޝަން" އެކުލަވާލުމުގެ މަސައްކަތް ފެށުމެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ ޝަރީފް ވަނީ، ތިމާވެއްޓާ ގުޅޭ ބައިނަލްއަޤްވާމީ އެކި މުއާހަދާތަކާއި ކޮންވެންޝަންތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބާރުލުން މިހާރަށްވުރެ ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެ މުއާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ މިހާރުގެ އޮނިގަނޑުތަކާއި، މިންގަނޑުތައް އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ބައްޓަންކުރަންވާނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޚާއްޞަ ގޮންޖެހުންތަކާއި އެ ޤައުމުތަކުގެ ނާޒުކު ހާލަތަށް ފުރިހަމައަށް ބަލައިގެން ކަމުގައިވެސް އެމަނުކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ތިމާވެށީގެ ދާއިރާގެ މަންދޫބުން ބައިވެރިވެ، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމަށާއި ތިމާވެށީގެ އެކި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.
ރިއެކްޝަންސް





