ޑިމާންޑް ބޮޑުވެ، އަންނަ އަހަރުން ފެށިގެން މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ޝެޑިއުލް ދަތުރުތައް ފަށަނީ
ޤައުމީ އެއަރލައިން، މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ފެށި ދަތުރުތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނާތީ، އަންނަ އަހަރުން ފެށިގެން އެ ޤައުމަށް ޝެޑިއުލް ދަތުރުތައް ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާގެ މެލްބަންއަށް ސީދާ ދަތުރުތައް އެންމެ ފުރަތަމަ ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ދަތުރުތައް ފެށިތާ 3 މަސްދުވަސް ފަހުން، މާކެޓުގެ ޑިމާންޑަށް ބެލުމަށްފަހު މޯލްޑިވިއަނުން މިހާރު ނިންމާފައިވަނީ އަންނަ އަހަރުން ފެށިގެން ކޮންމެ ހަފުތާއަކު ޝެޑިއުލް 1 ދަތުރު މެލްބަންއަށް ކުރުމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ އޭ330 (A330) މަރުކާގެ މަތިންދާބޯޓުގައެވެ.
އޮސްޓްރޭލިއާއަށް ދަތުރުތައް ފެށުމާ ގުޅޭގޮތުން މޯލްޑިވިއަނުން މީގެކުރިން ބުނެފައިވަނީ، މެލްބަންއަށް ސީދާ ދަތުރުތައް ފަށާފައިވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މާކެޓް ދިރާސާކުރުމަށްފަހު ކަމަށެވެ. އަދި އޮސްޓްރޭލިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމަކަށް ވުމަކީ މި ދަތުރުތައް ފެށުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މީގެއިތުރުން، މި ދަތުރުތައް ފެށިފަހުން އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށްވެސް މޯލްޑިވިއަނުން ވިދާޅުވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮސްޓްރޭލިއާއަކީ މިހާރު ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް އެ ޤައުމުން އެކަނިވެސް 31،586 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރިއެކްޝަންސް





