ގެދޮރު އެޅުމާއި ގަތުމަށް ދަތިވާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ އައު ސްކީމްތަކެއް ފަށަނީ
ގެދޮރު އެޅުމާއި ގެދޮރު ގަތުމަށް މާލީގޮތުން ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، މާލީ އެހީ ފޯރުކޮށްދިނުމުގެ އިތުރު ޕްރޮގްރާމްތަކަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި ގެދޮރު ބިނާކުރުމަށް ލޯނު ނެގުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ހަމަނުވާތީ، ގެދޮރު ނޭޅި އެތައް ބަޔަކު އެބަތިބި ކަމަށެވެ. މިފަދަ ހުރަސްތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލި ހިޔާވެހި ސްކީމަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، އެ ސްކީމުގެ ދަށުން ސަރުކާރުން ވަނީ 1.1 ބިލިޔަން ރުފިޔާ ދޫކުރުމަށް ނިންމާފައެވެ.
ސްޓޭޓް މިނިސްޓަރ ނާޒީމް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ބޭންކުތަކާ ގުޅިގެން އިތުރު ދެ ފައިނޭންސިންގ ޕްރޮގްރާމަކަށް ހުޅުވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މި މާލީ އެހީ ދޫކުރުމަށް 4 ބޭންކަކާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ ޢަމާޒަކީ ނޮވެމްބަރު މަހުގެތެރޭގައި މި ސްކީމަށް ހުޅުވާލުމެވެ.
މީގެއިތުރުން ސަރުކާރުން ކުރިއަށްގެންދާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ސްކީމުން ފްލެޓް ގަންނަ މީހުންނަށްވެސް، ސޯޝަލް ހައުސިން ސްކީމަށް ނުވަދެ އެ ތަންތަން ގަނެވޭނެ ގޮތަށް މާލީ އެހީ ދޭނެ ސްކީމެއް އިފްތިތާޙުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ ހުޅުމާލެ ފޭސް 3ގައި މިހާރު ކުރިއަށްގެންދާ 1000 ހައުސިން ޔުނިޓާއި އަދި އަތޮޅުތަކުގައިވެސް ހިންގަން ހަމަޖެހިފައިވާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ސްކީމްތަކަށް ކުރިމަތިލެވޭނެ ސްކީމަކަށްވާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރިއެކްޝަންސް





