
މިދިޔަ މަހު ޒަކާތު ފަންޑުން 104 މީހަކަށް މާލީ އެހީދިން- ރިޕޯރޓް
މިދިޔަ މަހު ޒަކާތު ފަންޑުން 104 މީހަކަށް އެހީދިންކަމަށް ޒަކާތު ހައުސްއިން ބުނެފިއެވެ. ޒަކާތު ހައުސްއިން ޢާއްމުކުރި ޖޫންމަހުގެ ތަފާސް ހިސާބު ރިޕޯރޓްގައިވާ ގޮތުން 104 މީހުންނަކީ މާލީ އެހީތެރިކަން ދެވުނު މީހުންނެވެ.
އެއްބައްޔަކަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށެވެ. އެކަމަށް 796,443 ރުފިޔާ އެހީގެ ގޮތުގައި ދިނެވެ. ކިޑްނީގެ އެހެން ބަލިތަކަށްވެސް 38,164.50 ރުފިޔާ އެހީގެ ގޮތުގައި ދީފައި ވެއެވެ. ކެންސަރުގެ ފަރުވާއަށް 245,949 ރުފިޔާ އެހީގެ ގޮތުގައި ވަނީ ދީފައެވެ. އެއް ބައްޔަކަށް ދެން އެންމެ ބޮޑު އެހީއެއް ދީފައިވަނީ ސިކުނޑީގެ ބަލިތަކަށެވެ. އެފަދަ ބަލިތަކަށް އެހީގެ ގޮތުގައި 46,645 ރުފިޔާ ވަނީ ދީފައެވެ. މީގެއިތުރުން އެހީ ދީފައިވާ ބަލިތަކުގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި, ހިތުގެ ބަލިތައްވެސް ހިމެނެއެވެ.
ޖޫންމަހު އެހީގެ ގޮތުގައި 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަމަޖައްސާ, އޭގެތެރެއިން 1.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި ޖޫން މަހުގެ ކުރިން ހަމަޖެހުނު އެހީވެސް ހިމެނޭނެ ކަމަށް ޒަކާތު ހައުސްގެ ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ.
ޒަކާތު ހައުސްއިން ވަނީ މަތީ ތައުލީމް ފުރިހަމަ ކުރުމަށާއި, ދީނީ އެކިއެކި ޕްރޮގްރާމްތައް ހިންގުމަށްވެސް އެހީދީފައެވެ.
ރިއެކްޝަންސް






