"އައިޓީބީ ޗައިނާ 2026" މައުރަޒުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެ
ޗައިނާގެ ފަތުރުވެރިކަމުގެ މާކެޓަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ބީޓީބީ (B2B) ޓްރޭޑް އެގްޒިބިޝަން ކަމަށްވާ "އައިޓީބީ ޗައިނާ 2026" ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ބައިވެރިވެއްޖެއެވެ.
ޝަންހާއީގެ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައި މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒުގައި ރާއްޖެއިން ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ޗައިނާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމެވެ. މީގެ އިތުރުން ޗައިނާގެ ޓުއަރ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންސީތަކާއި، އޮންލައިން ޓްރެވަލް ޕްލެޓްފޯމްތަކުގެ އިތުރުން މައިސް (MICE) ޕްލޭނަރުންނާއެކު އޮންނަ ގުޅުން ބަދަހިކުރުންވެސް މި ބައިވެރިވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ވީއެމްސީއިން މައުލޫމާތު ދޭ ގޮތުގައި، މި ހަރަކާތުގެ ތެރެއިން ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ ބައިވެރިންނާއެކު ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެފަހުގެ މައުލޫމާތާއި، ޗައިނާ މާކެޓަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ތަފާތު ތަޖުރިބާތައް ހިއްސާކުރާނެއެވެ. އަދި ރާއްޖޭގެ ސްޓޭންޑުގައި ލަގްޒަރީ ފަތުރުވެރިކަމާއި، އާއިލީ ޗުއްޓީ، ހަނީމޫން، ވެލްނަސް، ޑައިވިންގ އަދި ސަގާފީ ދާއިރާއިން ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެއެވެ.
މި މައުރަޒުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިންދަފާތުކަން ދެއްކުމަށްޓަކައި ތަފާތު ޕްރޮމޯޝަނަލް މެޓީރިއަލްތަކާއި ޑިޖިޓަލް ކޮންޓެންޓް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޗައިނާގެ މައިގަނޑު ޑިޖިޓަލް ޕްލެޓްފޯމްތަކާއި މީޑިއާ ބައްދަލުވުންތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެއެވެ.
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އެ ގައުމަކީ މުހިންމު ދައުރެއް އަދާކުރާ މާކެޓެކެވެ. އެހެންކަމުން، މިފަދަ ބޮޑު މައުރަޒެއްގައި ބައިވެރިވުމަކީ ޗައިނާ މާކެޓް އިތުރަށް ވަރުގަދަކޮށް، ވިޔަފާރީގެ އައު ގުޅުންތައް ގާއިމުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ވީއެމްސީއިން ގަބޫލުކުރެއެވެ.
ރިއެކްޝަންސް





