ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަތީ ފަންތީގެ ވަފުދެއް ޗައިނާއަށް ފުރައިފި
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ޗައިނާ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަތީ ފަންތީގެ ޓީމެއް ޗައިނާއަށް ރަސްމީ ދަތުރެއް މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން ޖުލައި 11، 2026 ގެ ނިޔަލަށް ކުރިއަށްދާ މި މުހިއްމު ދަތުރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ މުހިއްމު މުއައްސަސާތަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ވިޒިޓްް މޯލްޑިވްސްއާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިތުރުން ޤައުމީ އެއާލައިން، މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ސިނާއަތް ތަމްސީލުކުރާ މަދަނީ ޖަމްއިއްޔާތައް ހިމެނެއެވެ.
މި ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ހާރިސް މުހައްމަދު ބައިވެރިވެވަޑައިގަންނަވާއިރު، ވިޒިޓް މޯލްޑިވްސްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ އެ ކުންފުނީގެ މެނޭޖިން ދިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީއެވެ. މި ޓީމުން ޗައިނާގެ އެންމެ ނުފޫޒުގަދަ ސިޓީތައް ކަމަށްވާ ބެއިޖިން، ޝަންހާއީ އަދި ޗެންގްޑޫއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރަށް އަންނަމުންދާ ހީނަރުކަމުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ބައިނަލްއަގުވާމީ ގޮންޖެހުންތަކުގެ ތެރެއިންވެސް، ރާއްޖެއަށް ފަތުރުވެރިން އަންނާނެ އިތުރު މަގުތައް ފަހިކޮށް، މުހިއްމު މާކެޓުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށެވެ.
ދަތުރުގެ ތެރެއިން ޗައިނާ ސަރުކާރުގެ އިސްވެރިންނާއި، އެ ގައުމުގެ ބޮޑެތި އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް އެޖެންޓުންނާ ބައްދަލުކުރުމަށް ވަނީ ރޭވިފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށްޓަކައި ހާއްސަ ނެޓްވޯކިން ހަރަކާތްތަކެއް އެކި ސިޓީތަކުގައި ކުރިއަށް ގެންދާނެ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިއްމު އެއް މާކެޓެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ޗައިނާއިން 168,677 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި ދަތުރުގެ ސަބަބުން މި އަދަދު އިތުރަށް މަތިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ރިއެކްޝަންސް





