ރާއްޖެއާއި ނޭޕާލުގެ ގާތް ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަގުވަޒަންކުރާ ގުޅުމެއް: ރައީސް

ރާއްޖެއާއި ނޭޕާލުގެ ގާތް ގުޅުމަކީ ރާއްޖެއިން އަބަދުވެސް އަގުވަޒަންކުރާ ގުޅުމެއް: ރައީސް

10 hours ago - 09:43
Advertisement
Advertisement

ސާކުގެ މެންބަރު ގައުމެއް ކަމަށްވާ ނޭޕާލާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި އެކުވެރި ގުޅުމަކީ ރާއްޖެއިން އަބަދުވެސް ނުހަނު ފުންކޮށް އަގުވަޒަންކުރާ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ޝާއިއުކުރެއްވި ތަހުނިޔާގެ މެސެޖެއްގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައުމުގެ ރައީސް ރިޓަޔަޑް އޮނަރަބަލް ރަމްޗަންދްރަ ޕޯޑެލްއަށާއި، ބޮޑުވަޒީރު ބަލެންދްރަ ޝާހްގެ އިތުރުން ނޭޕާލު ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި މުބާރަކުބާދީ އަރިސްކުރައްވާފައެވެ.


ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ނޭޕާލުގެ ޖުމްހޫރީ ދުވަހަކީ ކުރިއަރަމުންދާ ގައުމެއް ބިނާކުރުމަށްޓަކައި އެ ގައުމުގެ ރައްޔިތުން ކޮށްފައިވާ އަގުނުކުރެވޭ ފަދަ ބުރަ މަސައްކަތްތައް ފާހަގަކުރަންޖެހޭ ތާރީހީ މުހިންމު ދުވަހެކެވެ. އަދި ނޭޕާލަކީ އަމިއްލަ ގައުމީ ޝަހުސިއްޔަތެއް ލިބިގެންވާ، ޝަރަފުވެރި މުއްސަނދި ސަގާފަތަކާއި ތަފާތު އާދަކާދަތަކެއްގެ ސާހިބު ގައުމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް އުލްފަވެރި ގުޅުމަކީ ރާއްޖެއިން އަބަދުވެސް އިސްކަންދޭ ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި ކުރިއެރުމަށްޓަކައި، ދެ ފަރާތަށްވެސް ފައިދާހުރި މަސްލަހަތުތައް އިސްކޮށްގެން އެކުގައި މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ނޭޕާލުގެ މެދުގައި އޮތް ބަދަހި ގުޅުން އެ ގޮތުގައި ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ދެ ގައުމަށް ފައިދާވާނެ އިތުރު އައު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަން ރައީސް ހާމަކުރެއްވިއެވެ.
ނޭޕާލަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމަކީ ނޭޕާލެވެ. އަދި ރާއްޖޭގެ ހިދުމަތުގެ ދާއިރާގެ އެކި މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ނޭޕާލު ރައްޔިތުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ އިތުރުން ނޭޕާލަކީ މެޑިކަލް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އިޚްތިޔާރުކުރާ ގައުމެއްކަންވެސް ފާހަގަކޮށްލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement