ރާއްޖެއިން އިތުރު ދެ މީހަކަށް ހިމަބިހި ޖެހި، މިއަހަރު ބަލިޖެހުނު މީހުންގެ އަދަދު 9 އަކަށް އަރައިފި
ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު ދެ މީހަކު ފެނި، މި އަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ނުވަޔަކަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި، މި މަހުގެ ކުރީކޮޅުން ފެށިގެން މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތައް ފެންނަން ފަށާފައިވާއިރު، މި އަހަރު ފެނުނު 9 ކޭސްގެ ތެރެއިން 6 ކޭސް ފެނިފައިވަނީ މި ހިނގާ މަހުގެ ތެރޭގައެވެ. މިވަގުތުވެސް ފަސް ކޭސްއެއްގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، އެ ފަސް ކޭހާ ގުޅޭގޮތުން ފާހަގަކުރެވުނު 128 ކޮންޓެކްޓުން މޮނީޓާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމުން، މި ބަލިން ރައްކާތެރިވުމަށް އާންމު ސަމާލުކަން އިތުރުކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.
ރިއެކްޝަންސް





