ކުރިއަށް އޮތް ދެ ދުވަހުވެސް އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ. މެދުރާއްޖެތެރޭގެ ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މޫސުން ލަފާކުރާ ގޮތުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ރާޅުގެ އުސްމިނަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގައި 4 ފޫޓާއި 6 ފޫޓާ ދެމެދުގެ އުސްމިނެއް ހުންނާނެ ކަމަށް ލަފާކުރެވޭއިރު، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާ ދެމެދުގައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކ. ގާފަރަށެވެ. އެ ރަށަށް 27.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުގެ ރެކޯޑުތަކުން ދައްކައެވެ.
ރިއެކްޝަންސް





