އަދަދު ނޫހަށް އެވޯޑް ދިނީ އުސޫލުތަކާ ހިލާފަށް- ފަނޑިޔާރުން
މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ގެ އެވޯޑް ހަފްލާގައި ވީޑިއޯ/އޯޑިއޯ ކެޓަގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އަދަދު އޮންލައިނަށް އެވޮޑް ދިނީ އުޞޫލުތަކާ ހިލާފަށްކަމަށް އިންސާފްކުރި ފަނޑިޔާރުން ބުނެފިއެވެ.
އެ އެވޯޑްގެ މައްސަލަ ބޮޑުވެ ދެބަސްވުންތައް އުފެދިފައި ވަނިކޮށް ފަނޑިޔާރުން ސޮއިކޮށް ޢާއްމުކުރި ބަޔާނެއްގައި ބުނީ އެއީ ދިވެހި މީޑިޔާގެ ހަމަތަކާއި, އަހްލާގީ މިންގަނޑު ބަޔާންކުރާ އުސޫލުތަކާ ހިލާފް ޑޮއިކުމެންޓްރީއެއްކަން ފާހަގަވެ, ކުރިން އެމްއެމްސީންވެސް ބަޔާނެއް ނެރެފައިވާ ކަމަށެވެ. ނަމަވެސް އެވޯޑަށް އެޑޮކިއުމަންޓްރީ ހުށަހެޅުމުން އެމްއެމްސީން ބަލައިގަނެ, ފަނޑިޔާރުންނާ ހަމައަށް ފޮނުވާފައިވާކަން ފާހަގަކޮށްފައި ވެއެވެ. އެއީ ބަލަން ވާވަރަށް ނުބަލާ ކުރި ކަމެއްކަން ފަނޑިޔާރުން ފާހަގަކުރިއެވެ. ފަނޑިޔާރުން ވަނީ އެޑޮކިއުމެންޓްރީ ކައުންސިލަށް ބަލައިގަން ނިޔަތާ މެދުވެސް ސުވާލު އުފައްދާފައެވެ.
މީގެއިތުރުން ފަނޑިޔާރުން ފާހަގަކޮށްފައިވަނީ އެބައިން އިންސާފް ކުރުމުގައި ތަހުގީގީ ނަޒަރިއްޔާތަށް އިންސާފްކުރުމުގެ ފުރުޞަތު ހަނިކޮށް, ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްއަށް ގިނަ މާރކްސް ލިބޭގޮތަށް އޮތް އޮތުމެވެ.
ވީޑިއޯ/އޯޑިއޯ ކެޓަގަރީން ތަހުގީގީ ބައިން އެވޯޑް ދިވީ އަދަދު ނޫހުން އުފެއްދި 'ސްކީލާން' އަށެވެ. އެއީ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަށް ތުހުމަތުތަކެއް ކޮށް, ރައީސްގެ ދޮންމަންމަގެ އިންޓަރވިއު ހިމަނައިގެން ނެރެފައިވާ ޑޮކިއުމެންޓްރީ އެކެވެ. އެޑޮކިއުމެންޓްރީއަށް އެވޯޑް ދިނުމުން ސަރުކާރު އިސްފަރާތްތަކާއި, އެކްޓިވިސްޓުން ވަރަށްބޮޑަށް ފާޑުކިޔެވެ. އަދި އެވޯޑް ދިން ވަގުތު އެޑޮއިކުމެންޓްރީގެ ތަންކޮޅެއް އޮންއެއަރ ކޮށްފައުވާތީ އެކަން ކުށްވެރިކޮށް ޕީއެސްއެމްއިން ބަޔާނެއް ނެރުނެވެ.
ޕީއެސްއެމް އިން ވަނީ އެކުންފުނީގައި 30 އަށްވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ މީޑިޔާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ވަޒީފާއިންވެސް ވަކިކޮށްފައެވެ. އެމައްސަލާގައި މުސްތަފާ ވަކިކުރުމަށްފަހު ވަޒީފާ އިއާދަކުރީ އޭނާ އެމައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އަދި އެ އެވޯޑްގެ ކަންކަން ގޮސްފައިވަނީ ގޯސްކޮށް ކަމަށާއި, އެކަމަކު އެކަމުގައި ރައީސްގެ ހައިސިއްޔަތުން އޭނާގެ ދައުރެއް ނެތްކަމަށް ބުނެ މުސްތަފާ ބަޔާނެއްވެސް ނެރުނެވެ.
ރިއެކްޝަންސް