ފަހު މެޗުންވެސް މާޒިޔާ ބަލި, ގްރޫޮޕްގެ އަނެއް ތިން ޓީމްވެސް 6 ޕޮއިންޓް ހޯދި
އޭއެފްސީ ޗެލެންޖް ލީގުގައި ރާއްޖޭގެ މާޒިޔާ ކުޅުނު ފަހު މެޗުންވެސް ބަލިވެއްޖެ އެވެ.
ކުވެއިތު ސިޓީގައި ކުރިއަށްދިޔަ މާޒިޔާ ހިމެނޭ ގްރޫޕް ބީގެ ފަހު މެޗުން ބަލިވީ ކިރްގިސްތާނުގެ އެފްސީ އަބްދީޝް އާ ވާދަކޮށް 3-0 ނެވެ. މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދިޔަސް އަބްދީޝްއަށް ކްއާޓާ ފައިނަލްގެ ޖާގައެއް ލިބުނުވެ. އެޓީމަށް ފުރުޞަތު ގެއްލުނީ ފައިދާ ގޯލުންނެވެ. މާޒިޔާ ފިޔަވާ މިގްރޫޕްގެ އަނެއް ތިން ޓީމްވެސް ގްރޫޕް ސްޓޭޖް ނިންމާލީ 6 ޕޮއިންޓާ އެކުއެވެ. އެހެންކަމުން ގްރޫޕްގެ ތަރުތީބު ކަނޑައެޅުނީ ގޯލްގެ ތަފާތަށް ބަލައިގެންނެވެ.
ގްރޫޕްގެ އެެއްވަނަ ޓީމްގެ ގޮތުގައި ކްއާޓާ ފައިނަލަސް ދަތުރުކުރީ ތުރުކެމްނިސްތާނުގެ އާކަޑަގް އެވެ. އެޓީމް ކްއާޓާ ފައިނަލްގައި ވާދަކުރާނީ އިންޑިޔާގެ އީސްޓް ބެންގާލް އާއެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދި ދެވަނަ ޓީމްތަކުގެ ތެރެއިން މިގްރޫޕްގެ އަލް އަރަބި ވެސް ކްއާޓާ ފައިނަލަށް ދަތުރުކުރިއެވެ. ކުވެއިތުގެ އަލް އަރަބި ކްއާޓާ ފައިނަލްގައި ވާދަކުރާނީ އޮމާންގެ އަލް ޝީބް އާއެވެ.
މާޒިޔާގެ ފަހު މެޗުގެ އެޓީމް ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފްގައި ކީރާތް ޒީރަލްބެކް އެވެ. ދެވަނަ ލަނޑު ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ޖެހީ އަޓާއި ޒުމަޝޭވް އެވެ. ތިންވަނަމެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޖެހީ އެމައަލް ޔަގާ އެވެ.
މާޒިޔާ ވަރުގަދަ ސްކޮޑަކާއެކު މުބާރާތަށް ތައްޔާރުވިޔަސް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އަހަރެއް ވުމާއި, ކުޅުންތެރިން ރަނގަޅު މެޗުތަކެއް ކުޅެފައި ނުވުމުން ޓީމްގެ ހާލަތު އެންމެ ރަނގަޅެއް ނޫނެވެ.
ރިއެކްޝަންސް