ބަޖެޓް ތައްޔާރުކޮށްފައި ވަނީ ލާމަރުކަޒީ ޤާނޫނާ ހިލާފަށް- މާލޭ މޭޔަރު
ބަޖެޓް ތައްޔާރުކޮށްފައި ވަނީ ލާމަރުކަޒީ ޤާނޫނާ ހިލާފަށްކަމަށް ވިދާޅުވެ, ޤާނޫނާ އެއްގޮތަށް ބަޖެޓް އެކުލަވާލުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިއިރު ކައުންސިލްތަކަށް ކަނޑައެޅިފައިވާ ބަޖެޓް ކުޑަވެފައިވާތީ, އެކަމަށް އިޝާރާތް ކުރައްވާ މޭޔަރު ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ޤާނޫނު، ވުޖޫދުން ފޮހެލަންކަން، ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ދޭހަވާ ކަމަށެވެ. ސަރުކާރުގެ ނިންމުންތައް ހުރިގޮތުން، ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ބޭނުން ނުވާކަން ފެންނަމުން ދާކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.
" ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް، ކައުންސިލްތަކުން ހުށަހެޅި ފައިސާ ބޮޑުބައެއް ބަޖެޓުން ވަނީ އުނިކޮށްފައި. މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުން، ރައްޔިތުން މަޙުރޫމްކުރުމަށް ރާވައިގެން ކުރާ ކަންކަކަމުގެ ތެރެއަށް އިތުރުވި ބޮޅެއް." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ލާމަރުކަރީ ޤާނޫނުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތް ދިނުމަށް، ބަޖެޓްގައި ހިމަނާފައިވާ ފައިސާ އުނިކުރުމުގެ ބާރު، ސަރުކާރަށް ނޯންނާނެ ކަމަށެވެ. މި ފަދަ ކަންކަން އިސްލާޙުކުރުމަށް މޭޔަރު ވަނީ ސަރުކާރަށް ގޮވާލާފައެވެ. އޭނާ ވިދާޅުވީ ބަޖެޓްތައްޔާރު ކޮއްފަވަނީ ލާމަރުކަޒީ ގާނޫނާހިލާފަށް ކަމަށެވެ.
މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ސައިފް ފާތިހު ވެސް ވަނީ ބަޖެޓްގައި ކައުންސިލަށް އޮތް މިންވަރު ކުޑަކޮށްފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ބްލޮކް ގްރާންޓަށް ކަނޑައަޅާ %5 ދޭނަމަ 2024 ވަނަ އަހަރަށްވުރެ 2025 ވަނަ އަހަރު ލިބޭ މިންވަރު ކުޑަވާނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ކައުންސިލްތަކުގެ ބަޖެޓް ކުޑަކޮށްފައިވާތީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި, ބައެއް ރަށު ކައުންސިލްތަކުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރިއެކްޝަންސް