
ކޮމިޓީން ނޫސްވެރިންގެ ހިޔާލު ހޯދައިފި, ހުރިހާ ނޫސްވެރިންވެސް ފާހަގަކުރީ ކަންބޮޑުވުން
ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހަޅާފައިވާ މީޑިޔާ ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނޫސްވެރިންގެ ހިޔާލު ހޯދައިފިއެވެ. އެކޮމިޓީން މިއަދު ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ ނޫސްތަކަށް ދައުވަތު ދީގެން މަޖިލިހުގެ އިދާރާގައި ބައްދަލުކޮށް ނޫސްވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އަހާފައެވެ.
ގިނަ ނޫސްވެރިންތަކެއް ބައިވެރިވި ބައްދަލުވުމުގައި ހުރިހާ ނޫސްވެރިންވެސް ހިފެހެއްޓީ އެސް ސްޓޭންޑެކެވެ. އެއީ ބިލް އަނބުރާ ނެގުމެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ނޫސްވެރިން ބުނަމުން އައީ އެބިލަކީ އިސްލާހުކުރާ ވަރަށްވުރެ ގޯސް ބިލެއް ކަމަށާއި, ބަލައިގަންނަން ހެޔޮވާވަރުގެ ބިލެއް ނޫންކަމަށެވެ. އެއަޑު އުފުލުމަށް ނޫސްވެރިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.
މިއަދު ކޮމިޓީގައިވެސް ނޫސްވެރިން އެވާހަކަތައް ތަކުރާރުކުރިއެވެ. ބިލުން ނޫސްވެރިންގެ އެއްވެސް ހައްގެއް ކަށަވަރުކޮށް ނުދޭއިރު, ނޫސްވެރިކަމުގެ މިނިވަންކަން މުޅިން ނިގުޅައިގަންނަކަން ފާހަގަ ކުރިއެވެ. އަދި އެއްވެސް މަޝްވަރާއެއް ނެތި ބިލް ހުށަހަޅާ, ކޮމިޓީ މަރުހަލާއާ ހަމައަށް ގެންދިއުމުން އެ ކަންބޮޑުވުންވެސް ފާޅުކުރިއެވެ.
ނޫސްވެރިން ފާހަގަކުރީ މީޑިޔާ ރެގިއުލޭޓް ކުރުމުގައި އޮންނަންވާނީ ސެލްފް ރެގިއުލޭޓަރީ އުސޫލެއް ކަމަށާއި, އެފުރުޞަތު ދޭން ޖެހޭ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށްގެން އެއްވެސް ބައެއްގެ މަސްލަހަތު ނުހިފެހެއްޓޭނެކަން ފާހަގަކުރިއެވެ.
ކޮމިޓީގެ ހުރިހާ މެމްބަރުން ވަނީ ނޫސްވެރިންގެ ވާހަކަތައް އަޑު އައްސަވާފައެވެ. އިއްޔެ ކޮމިޓީން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިޔާ ކައުންސިލާވެސް ބައްދަލުކޮށް ބިލާމެދު ހިޔާލު ހޯދާފައެވެ. އެދެކޮމިޝަންގެ ވެސް ވިސްނުމަކީ ބިލް އަނބުރާ ގެންދިއުމެވެ.
ރިއެކްޝަންސް






