
ފަލަަޞްޠީނުގެ 17 އަހަރުންދަށުގެ ޤައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރާނީ ނޮވެމްބަރު މަހު
އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ފަލަޞްޡީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް އަންނަ ނޮވެމްބަރު މަހު ދިވެހިރާއްޖޭގައި ކޭމްޕްކުރުމުގެ ފުރުޞަތު ދީފައިވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމްއިން) ބުނެފިއެވެ.
ނޮވެމްބަރު މަހުގެ 8 ން 19 އަށް ފަލަޞްޡީނުގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓްބޯޅަ ޓީމް ރާއްޖޭގައި ކޭމްޕް ކުރުމުގެ ހުއްދަދީފައިވަނީ އެފްއޭއެމްގައި ފަލަޞްޡީނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެކަމަށް އެދުމުން އިއްޔެ އެފްއޭއެމްގެ އެކްސްކޯ ބައްދަލުވުމުގައެވެ.
އެކްސޯގެ ނިންމުމުގައި ބުނެފައިވަނީ އޭއެފްސީ އޭޝިއަންކަޕްގެ 17 އަހަރުން ދަށުގައި ވާދަކުރާ ފަލަޞްޠީނުގެ ޤައުމީޓީމާއި 17 އަހަރުން ދަށުގެ ދިވެހިރާއްޖޭގެ ޤައުމީ ޓީމާއެކު ރަޙްމަތްތެރިކަމުގެ ދެ މެޗު ކުޅުމަށާއި, 19-8 ނޮވެމްބަރު 2025 ގެ ނިޔަލަށް ދިވެހިރާއްޖޭގައި ފަލަޞްޠީނުގެ ޓީމް ތިބުމާއި އެހެނިހެން އިންތިޒާމް ހަމަޖެއްސުމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމާއި, 2 މެޗަށް ސްޕޮންސަރުން ހޯދުމަށް ފާސްކޮށްފައިވާކަމުގައެވެ.
ދިވެހިރާއްޖެ އަކީ ފަލަޞްޠީނުގެ ކަންކަމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށް ފަލަޞްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ޤައުމެކެވެ.
ރިއެކްޝަންސް






