
ރެއާލް މެޑްރިޑް މޮޅުވެ ބާސެލޯނާ އާ ޕޮއިންޓްގެ ގޮތުން އެއްވަރު
އެތްލެޓިކޯ ބިލްބާއޯއިން ހޯދި ހަތްތަރީގެ މޮޅާއެކު ލީގުގެ ވާދަވެރިކަން ބޮޑުވަނީ
ލޫކާ މޮޑްރިޗްގެ ހިތްގައިމު ގޯލާއެކު ރެއާލް މެޑްރިޑް އިން ޖިރޯނާގެ މައްޗަށް ކުރިހޯދާ ލަލީގާ ތާވަލްގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފިއެވެ. 2-0 ން މޮޅުވެ, އެންމެ ފަހުން ކުޅުނު ތިންމެޗުންވެސް ރެއާލް އަށް މޮޅު ނުވެވި އޮތް އޮތުމުގެ ހާސްކަން ވަނީ ފިލާގޮސްފައެވެ.
54 ޕޮއިންޓާއެކު ރެއާލަށް ތާވަލްގެ ދެވަނަ ލިބެނީ ގޯލްގެ ތަފާތުން ބާސެލޯނާ ކުރީގައި އޮތުމުންނެވެ. އެތްލެޓިކޯ މެޑްރިޑް ތާވަލްގެ ތިންވަނައިގައި އޮތީ އެ ދެޓީމަށްވުރެ އެންމެ ޕޮއިންޓެއް މަދުކޮށެވެ. އާދިއްތަ ދުވަހު އެތްލެޓިކޯ ބިލްބާއޯއިން 7-1 ރެއާލް ވަޔަޑޮލިޑް ބަލިކޮށް 48 ޕޮއިންޓާއެކު ފަރަގު ކުޑަކުރުމާއި އެކު ލީގުގެ ވާދަވެރިކަން މިވަނީ ބޮޑުވެފައެވެ.
ރެއާލަށް ކުޅުމުގެ ތެރެއަށް ވަންނަށް ވަގުތުކޮޅެއްނެގި މި މެޗުގެގައި ލީޑު ނަގައިދިނީ ލޫކާ މޮޑްރިޗްއެވެ. 25 ޔާޑު ދުރުން ލިބުނު ބޯޅައެއް މެއިން މަތަކޮށްލުމަށްފަހު 41 ވަނަ މިނިޓްގައި ފޮނުވާލި ހިތްގައިމު ގޯލާއެކު ރެއާލުން ފުރަތަމަ ހާފު ނިންމާލީވެސް 1-0 ން ކުރީގައި އޮވެއެވެ.
ރެއާލަށް ލީޑުފުޅާކޮށްދިނީ 83 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތުގައި ވިނީޝިއުސް ޖޫނިއަރ އެވެ.
މެޗުގައި ޖިރޯނާއިންވެސް ރަނގަޅު ހަމާލާތަކެއް އުފައްދާ ގޯލެއް ކާމިޔާބުކުރެވޭތީ މަސައްކަތްކުރިއެވެ. ރެއާލުން ފުރަތަމަ ގޯލް ކާޏިޔާބު ކުރުމުގެ ކުރިން ޖިރޯނާއަށް ކުޅޭ ކުރީގެ މެންޗެސްޓަރ ޔުނައިޓަޑޭގެ މިޑްފީލްޑަރު ޑޮނީ ވެން ޑެ ބީކް ފޮނުވާލި ނުރައްކާތެރި ހަމަލާ ރެއާލްގެ ކީފަރު ތިބޯޓް ކޯޓުއާ ވަނީ ދިފާއުކޮށްފައެވެ.
އޭސީއެލް ސަރޖަރީއަކަށް ފަހު 434 ދުވަސްފަހުން ރެއާލްގެ ސްކޮޑުން ފުރަތަމަ ފަހަރަށް ޑޭވިޑް އަލަބާ ވަނީ ފެނިގެން ގިސްފައެވެ. އެންމެފަހުން ލީގުގައި އޮސަސޫނާ އާ ދެކޮޅަށް ރެއާލް ކުޅެ އެއްވަރުވި މެޗުގައި ދެއްކި ރަތްކާޑާއެކު ސަސްޕެންޝަންގައި ހުރި ޖޫޑް ބެލިންގްހަމްވެސް ސްޓޭޑިއަމްގައި މެޗުބަލަން އިނެވެ. ސަސްޕެންޝަންގެ ސަބަބުން ބުދަ ދުވަހު ކޮޕާ ޑެލް ރޭ ގެ ސެމީ ފައިނަލްގައި ރެއާލް ބެޓިސް އާ ދެކޮޅަށް ސެން ސަބާސްޓިއަންގައި ރެއާލް ކުޅޭ މެޗުވެސް ބެލިންގްހަމްއަށް ގެއްލޭނެއެވެ.
އާދިއްތަ ދުވަހު ލީގުގައި އެތްލެޓިކޯ ބިލްބާއޯއާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗުގައި ނިކޯ ވިލިއަމްސް ވަނީ ދެ ގޯލް ކާމިޔާބުކޮށް އިތުރު ދެ ގޯލް ޖެހުމުގައި އެހީތެރިވެފައެވެ. އިނާކީ ވިލިއަމްސްވެސް ގޯލެއް ކާމިޔާބުކޮށް އިތުރު ގޯލެއް ޖެހުމަށް ވަނީ ފުރުޞަތު ތަނަވަސްކޮށްދީފައެވެ.
ބިލްބާއޯއިން ފުރަތަމަ ހާފު 4-0 ން ނިންމާލިއިރު ގޯލްތައް ކާމިޔާބުކުރީ މިކޭލް ޖައުރޭގިޒާ (10), ނިކޯ ވިލިއަމްސް (35), މަރޯން ސަންނާޑީ (43), އަދި ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ދެވަނަ މިނިޓްގައި އޮއިހާން ސެންސެޓްއެވެ. 66 ވަނަ މިނިޓްގައި ނިކޯ ވިލިއަމްސް ފަސްވަނަ ގޯލް ކާމިޔާބުކުރިއިރު, 69 ވަނަ މިނިޓްގައި ހަވަނަ ގޯލް ކާމިޔާބުކުރީ ގޯކާ ގުރުޒެޓާއެވެ. އަދި ފަހު ގޯލް 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިނާކީ ވިލިއަމްސްއެވެ.
ރިއެކްޝަންސް






