
ނޭޝަންސް ލީގު: ފްރާންސް ކްރޮއޭޝިއާ އަތްދަށުވެ, ސްޕެއިން ސަލާމަތްވީ ކިރިޔާ! ޕޯޗްގަލްއަށްވެސް ނާކާމިޔާބު
ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ކްރޮއޭޝިއާއިން 2-0 ން ފްރާންސް ބަލިކޮށްފިއެވެ. ޑެންމާކުން ޕޯޗުގަލް 1-0 ން ބަލިކުރިއިރު, ފަހުވަގުތު ސްޕެއިން ވަނީ 2-2 ން ނެދަލެންޑްސްއާ ކުޅުނު މެޗުން އެއްވަރުވެފައެވެ.
ކީލިއަން އެމްބާޕޭ ފްރާންސްގެ ކެޕްޓަންގެ ގޮތުގައި އެނބުރި އައި މެޗުގައި ކޮރޮއޭޝިއާން އަމިއްލަ ދަނޑިގައި ފްރާންސްގެ މައްޗަށް ލީޑު ނެގީ މެޗުގެ 26ވަނަ މިނިޓްގައެވެ. އިވާން ޕެރިސިޗް ތަނަވަސްކޮށްދިން ފުރުޞަތުގައި ފުރަތަމަ ގޯލް ކާމިޔާބު ކުރީ އެންޓެ ބުޑެމިއާ އެވެ.
މެޗުގެ ދެވަނަ ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކްރޮއޭޝިއާ އަށް އިތުބާރު ދަމަހައްޓައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕެރިސިޗް އެވެ.
މެޗުގެ އަށްވަނަ މިނިޓްގައި ކްރޮއޭޝިއާއަށް ޕެނަލްޓީއެއް ލިބުންނަމެވެސް އަންޑްރެހް ކްރަމްރިޗް ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު މެގިނެން ވަނީ ފަސޭހަ ކަމާއެކު ފައިން ޖަހާ މަތަކޮށްފައެވެ. އޭގެ ފަހުން ހޮސްކޯ ގްވާޑިއޯލް ގޯލާ އަމާޒުކޮށް ފޮނުވާލި ބާރު ބޯޅައެއްވެސް އޭސީ މިލާން އަށް ކުޅޭ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ނަތީޖާއާއެކު ފްރާންސްއަށް އާދިއްތަ ދުވަހު ދެވަނަ ލެގައި އޮތީ އުނދަގޫ ޓާސްކެކެވެ. ފްރާންސުން އެންމެ ފަހުން ކުޅުނު ތިންމެޗުންވެސް އެޓީމު މޮޅުވެފައެއް ނުވެއެވެ. ފްރާންސްގެ ޤައުމީ ޓީމާ އެމްބާޕޭ އަލުން ގުޅިފައި މިވަނީ ހަމަސް ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. ނަމަވެސް ލަލީގާގެ މިސީޒަންގައި ރެއާލަށް 20 ގޯލް ކާމިޔާބުކޮށްދީފައިވާ އެމްބާޕޭއަށް ރޭގެ މެޗުގައި ފައިގައި ލައްވާލީވެސް އެންމެ ހައެއްކަ ބޯޅައެވެ.
ރޭ ޕޯޗްގަލް އާއި ޑެންމާކް ބައްދަލުކުރިމެޗުގައި ފެނުނު ހަމައެކަނި ގޯލް ޑެންމާކަށް މެޗުގެ 78 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ރަސްމުސް ހޮއިލުންޑް އެވެ. މިއީ ޑެންމާކްގެ ގައުމީޓިމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ނަމަވެސް އޭގެ ކުރިން މެޗުގެ 24 ވަނަ މިނިޓްގައިވެސް ޑެންމާކަށް ވަނީ ގޯލެއް ކާމިޔާބުކުރާނެ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. 24 ވަނަ މިނިޓްގައި ޑެންމާކަށް ލިބުނު ޕެނަލްޓީ ކްރިސްޓިއަން އެރިކްސަން ފޮނުވާލިއިރު ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ޕެނަލްޓީ މަތަކޮށްފައެވެ. ރޭގެ މެޗުގައި ކޮސްޓާގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައި ވެއެވެ.
ކުރާޓަރގެ ފުރަތަމަ ލެގުގައި ސްޕެއިންއާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގައި ލީޑު ނެގީވެސް ސްޕެއިން އެވެ. މެޗުގެ ނުވަ ވަނަ މިނިޓްގައި ޕެޑްރީ ނަގައިދިން ހުރަހަކުން ސްޕެއިންގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ނިކޯ ވިލިއަމްސްއެވެ. ނަމަވެސް ވިއްސަކަށް މިނިޓް ފަހުން ނެދަލެންޑްސްއިން ވަނީ ގޯލެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ޖަސްޓިން ކްލުއިވާޓްގެ އެހީތެރިކަމާއެކު ނެދަލެންޑްސްއަށް ނަތީޖާ އެއްވަރުކޮށްދިނީ ކޯޑީ ގަޕްކޯއެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓްގައި ތިއްޖަނީ ރެއިންޑާސް ނެދަލެންޑްއަށް ލީޑު ނަގައިދީ މެޗުގެ އެންމެ ފަހު މިނިޓާ ހަމައަށްވެސް ލީޑުކުރަމުން ގެންދިޔައީ ނެދަލެންޑްސްއިންނެވެ.
82ވަނަ މިނިޓްގައި ސްޕެއިންގެ މިކޭލް އޮޔަތަބެލް އަށް ކުރި ފައުލަކާ ގުޅިގެން ނެދަލެންޑްސްގެ ހޯރެލް ހަޓޯ އަށް ވަނީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ އެންމެ ފަހު މިނިޓްގައި ސްޕެއިން ސަލާމަތްކޮށްދިނީ މިކޭލް މެރީނޯއެވެ. މި ގޯލާއެކު ނަތީގާ 2-2 ން އެއްވަރުވެ, ފާއިތުވި މާޗުން ފެށިގެން މެޗަކުން ބަލިނުވެ ސްޕެއިން ދަމަހައްޓަމުން އައި ސިލްސިލާއަށް ބޮޅެއް މިވަނީ އިތުރުވެފައެވެ.
ދެވަނަ ލެގު ސްޕެއިންގެ ވެލެންސިއާގައި އާދިއްތަ ދުވަހު އޮންނާނެއެވެ. މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލްގައި ބައްދަކުކުރާނީ ފްރާންސް ނުވަތަ ކްރޮއޭޝިއާ އާއެވެ.
ރިއެކްޝަންސް






