ޕްރިމިއަރ ލީގަށް އެނބުރި އައިސް ފުރަތަމަ މެޗުން ސަންޑަލޭންޑަށް މޮޅެއް, ޓޮޓްނަމް ވެސް މޮޅު
މެޗަށްފަހު ސަންޑަލޭންޑްގެ ކުޅުންިތެރިން އުފާފާޅުކުރަނީ. ފޮޓޯ: ސަންޑަލޭންޑް އެފްސީ

ޕްރިމިއަރ ލީގަށް އެނބުރި އައިސް ފުރަތަމަ މެޗުން ސަންޑަލޭންޑަށް މޮޅެއް, ޓޮޓްނަމް ވެސް މޮޅު

ރިޗާލިސަން ވަނީ ޓޮޓްނަމް އަށް ދެ ގޯލް ކާމިޔާބުކޮށްދީފައި

4 hours ago - 21:45
Aug 16, 2025 - 21:59

2016-17 ގެ ސީޒަނަަށްފަހު ރެލިގޭޓްވެ އަލުން މިސީޒަނުގައި ޕްރިމިއަރ ލީގާ ގުޅުނު ސަންޑަލޭންޑުން  ކުޅުނު ފުރަތަމަ މެޗުން 3-0 ން ވެސްޓްހެމް ޔުނައިޓަޑްގެ މައްޗަށް ކުރި ހޯދައިފިއެވެ. ރިޗާލިސަންގެ ދެ ގޯލާއެކު ޓޮޓްނަމް ހޮޓްސްޕަރ އިން ވެސް ވަނީ ފުރަތަމަ މެޗުގައި 3-0 ން ބާންލީގެ މައްޗަށް ކުރިހޯދާފައެވެ.

ސަންޑަލޭންޑް އާއި ވެސްޓްހެމް ބައްދަލުކުރި މެޗުގެ ހުރިހާ ގޯލެއްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ފަހު ހާފުގައެވެ. އޮމްރް އަލްޑާރޭޓޭ ތަނަވަސްނކޮށްދިން ބޯޅަ ގޯލްގެ ތިރީ ކަނަށް ފޮނުވާލައިގެން ސަންޑަލޭންޑްގެ ފުރަތަމަ ގޯލް 61 ވަނަ މިނިޓްގައި ކާމިޔާބުކުރީ އެލޭޒާ މަޔޭންޑާ އެވެ.

އޭގެ ބާރަ މިނިޓްފަހުން ބޮޅުން ގޯލްގެ ކަނަށް ފޮނުވާލި ބޯޅައާއެކު ސަންޑަލޭންޑަށް ލީޑު ފުޅާކޮށްދިނީ ޑެނިއަލް ބަލާޑްއެވެ. 8 އަހަރު ފަހުން އެނބުރި އައިސް ސަންޑަލޭންޑް ފުރަތަމަ މެޗުން މޮޅުވި އިރު ފަހު ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތި ނިމި އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި ވިކްސަން އިސިޑޯރް އެވެ.

ވެސްޓް ހެމް އަށް ގޯލެއްކާމިޔާބުކުރާނެ މާ ފަހު ފުރުޞަތެއް ނުލިބުނު ނަމަވެސް ހަނި އެންގަލަކުން ކެޕްޓަން ޖެރޯޑް ބޮވެން ފޮނުވާލި ބޯޅަ ސަންޑަލޭންޑްގެ ކީފަރު ރޮބިން ރޮއެފްސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

Advertisement
Advertisement

ތޯމަސް ފްރޭންކް ގެ އިރުޝާދުގެ ދަށުން ސްޕަރސްއިން ކުޅުނު ފުރަތަމަ ލީގު  މެޗުގެ ދިހަވަނަ މިނިޓްގައި މުޙައްމަދު ކުދޫސް ތަނަވަސްކޮށްދިން ފުރުޞަތުގައި ލީޑު ނަގައިދިނީ ރިޗާލިސަން އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ރިޗާލިސަންގެ ގޯލާއެކު ލީޑު ފުޅާކުރިއިރު މިފަހަރުވެސް އޭނާއަށް އެހީތެރިވީ ކުދޫސް އެވެ.

ސްޕާސްގެ ފަހު ގޯލް އޭގެ ހަ މިނިޓް ފަހުން ކާމިޔާބުކުރީ ބްރެނަން ޖޯންސަންއެވެ

ފާއިތުވި ސީޒަންގައި ލީގުގައި އެންމެ ހަތަރު ގޯލް ކާމިޔާބުކުރި ރިޗާލިސަން މި ސީޒަނުގެ ފުރަތަމަ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު 71 ވަނަ މިނިޓްގައި އޭނާ ބަދަލުކުރިއިރު ފޭނުންވަނީ އޭނާއަށް ސްޓޭންޑިން އޮވޭޝަނެއް ދީފައެވެ. ބަދަލުގައި ނިކުއިން ޑޮމިނިކް ސޮލާންކޭ އަށްވެސް އިތުރު ގޯލެއް ކާމިޔާބުކުރާނެ ރަނގަޅު ފުރުޞަތެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ.

ލީގުގައި މިއަދު ފުލަމް އާއި ބްރައިޓަން ބައްދަލު ކުރި މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. އެސްޓަންވިލާ އާއި ނިއުކާސަލް ޔުނައިޓަޑް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow