
25 މަސްވެރިއަކަށް ލޯނު ދޫކޮށްފި
މަސްވެރިކަމުގެ ޤައުމީ ދަފްތަރުގައި ދަފްތަރުވި 25 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކޮށްފިއެވެ. މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ ލޯނު ދޫކުރީ ޖުލައި މަހުގެ ނިޔަލަށް ރަޖިސްޓްރީވި މަސްވެރިންނަށް ކަމަށެވެ.
މިއީ މަސްވެރިންނަށް ފައިނޭންސް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ދެކެއެވެ. މަސްވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން، މަސްވެރިންނަށް ލޯނު ދޫކުރަން ފެށީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު އެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ލިބޭ އާމްދަނީއަށް ބިނާކޮށް، ޕަރސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ވެސް ވަނީ ތަނަވަސްކޮށްދީފައެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވީ ހަފްތާ 14 ގެ ތެރޭގައި ހިމަނުއްވައިގެންނެވެ. މި ދަފްތަރު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުން ކަމަށް ސަރުކާރުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ތަރައްޤީކޮށް، ސިންދަފާތުކުރުމަށް މަސައްކަތް ކުރުމާއެކު, މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރޭގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރިއެކްޝަންސް






