މޮރޮކޯގައި ބޭއްވި އިންޓަޕޯލް ސައިބަރ ގޭމްސްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

މޮރޮކޯގައި ބޭއްވި އިންޓަޕޯލް ސައިބަރ ގޭމްސްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

13 hours ago - 08:22
Advertisement
Advertisement

އިންޓަޕޯލުން އިންތިޒާމުކޮށްގެން ބޭއްވި 8 ވަނަ "ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖް / ސައިބަރ ގޭމްސް" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދެ އޮފިސަރަކު ބައިވެރިވެއްޖެއެވެ.

ފުލުހުން ބުނީ، މޮރޮކޯގެ މަރަކޭޝްގައި 2026 މެއި 19 އިން 21 އަށް ބޭއްވި ޑިޖިޓަލް ސެކިއުރިޓީ ޗެލެންޖަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނާއި ސައިބަރ ސެކިއުރިޓީ ދާއިރާގެ މާހިރުން އެއްތަނަކުން ބައްދަލުވެ، ސައިބަރ ކުށްތައް ތަހުގީގުކުރުމާއި ޑިޖިޓަލް ސަލާމަތާ ގުޅޭ ފަންނީ ހުނަރުތައް ވަޒަންކޮށް، އިތުރަށް ހަރުދަނާކުރުމަށް ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ޑިޖިޓަލް ފޮރެންސިކްސް، އިންސިޑެންޓް ރެސްޕޮންސް، މަލްވެއަރ އެނަލިސިސް، އޯޕަން ސޯސް އިންޓެލިޖެންސް (އޯ.އެސް.އައި.އެން.ޓީ)، ވެބް ސެކިއުރިޓީ، ކްރިޕްޓޯގްރަފީ، ބްލޮކްޗެއިން ތަހުގީގުތައް އަދި ސައިބަރ ސެކިއުރިޓީގެ އެހެނިހެން ހާއްސަ ދާއިރާތަކުން ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތުގެ ފުރަތަމަ ބުރު ފެށިގެންދަނީ އޮންލައިންކޮށް ކަމަށާއި، މި ބުރުގައި ބައިވެރިން ވަކި ވަގުތެއްގެ ތެރޭގައި ޗެލެންޖެތަކެއް ހައްލުކުރަން ޖެހޭކަމަށެވެ. އަދި މި ބުރުން އެންމެ މަތީ ނަތީޖާ ހޯދާ ފަރާތްތައް ފައިނަލް ބުރަށް ހޮވޭއިރު، ފައިނަލްގައި ކުރިއަށްދަނީ އަމަލީ ގޮތުން ސައިބަރ ކުށްތަކުގެ ތަހުގީގުތައް ހިންގާނެ ގޮތުގެ ސިނާރިއޯތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ހަރަކާތްތަކެއްކަމަށާއި، މި ހަރަކާތްތަކުގައި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ކަންކަން ދިރާސާކޮށް ދެނެގަތުމުގެ ގާބިލުކަން ބޭނުންވާ ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ، މި ސައިބަރ ގޭމްސްގައި ބައިވެރިވުމުގެ ސަބަބުން ދިވެހި ފުލުހުންނަށް އެބޭފުޅުންގެ އަމަލީ ހުނަރުތައް އިތުރަށް ވަރުގަދަކުރުމަށާއި، އަލަށް އުފެދެމުން އަންނަ ސައިބަރ ނުރައްކާތަކާއި ތަހުގީގީ އުކުޅުތަކަށް އަހުލުވެރިވުމުގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ސައިބަރ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުވެސް ފަހިވެގެންދިޔަ ކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement