ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވެއްދުމަށް ވޭޕް ބޭނުންކުރޭ، މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް: މިނިސްޓަރ އިހުސާން

ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވެއްދުމަށް ވޭޕް ބޭނުންކުރޭ، މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް: މިނިސްޓަރ އިހުސާން

13 hours ago - 08:17
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، އެތެރެކުރުމާއި، އޭގެ ވިޔަފާރިކުރުން މަނާކުރަން ސަރުކާރުން ނިންމި މައިގަނޑު ސަބަބަކީ، ވޭޕުގެ ޒަރީއާއިން ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ތެރެއަށް ވައްދަމުންދާކަން ފާހަގަކުރެވުން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނު ވިދާޅުވެއްޖެއެވެ.


ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި، ދިވެހި މުޖުތަމައު ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް ސަރުކާރުން އެކުލަވާލި ފަސް އަހަރުގެ ހާއްސަ ޕްރޮގްރާމް އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ވޭޕްގެ ތެރެއަށް މަސްތުވާތަކެތީގެ އެކި ބާވަތްތައް އަޅައިގެން ބޭނުންކުރުން އާންމުވެފައިވާ ކަމަށެވެ.


ވަޒީރު އިޙުސާނު ތުހުމަތުކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ޖީލެއް މަސްތުވާތަކެތީގެ ތެރެއަށް ވެއްދުމަށްޓަކައި ބަޔަކު ރާވައިގެން ކުރަމުންދާ ކަމެކެވެ. މިއީ ބެލެނިވެރިންގެ ފަރާތުން ސަރުކާރަށް ލިބެމުންދާ އެންމެ ބޮޑު ޝަކުވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީއާއި ލޯ އެންފޯސްމަންޓް އިދާރާތަކަށްވެސް މިކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.


"އަދި ޖެނެރޭޝަނެއް ޑްރަގުގެ ތެރެއަށް ވެއްދުމަށް ވޭޕްގެ ޒަރީއާ ބޭނުންކުރެވެމުންދިޔަ ދިއުމަކީ މިކަމުގެ ތެރޭގައި ދެންމެ މިނިސްޓަރ އޮފް އެޑިއުކޭޝަންވެސް ފާހަގަކުރެއްވިހެން ބެލެނިވެރިންގެވެސް އޮތް އެންމެ ބޮޑު ކަންބޮޑުވުން. މިކަން މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ލޯ އެންްފޯސްމެންޓުންވެސް ފާހަގަކުރެވިގެންއައި ހާލު އެ ޑިޒިޝަން ނަގަން ނިންމި އެންމެ ބޮޑު އެއް ރީޒަން އެއީ،" އިހުސާނު ވިދާޅުވިއެވެ.


ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ވޭޕް މަނާކުރުމުގެ ރޫހެއް ވަނީ އުފެދިފައެވެ. އެގޮތުން އޭޝިއާ ބައްރުން ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް އަދި ޓައިވާން ފަދަ ގައުމުތަކުގައި ވޭޕް ވަނީ މަނާކޮށްފައެވެ. އަދި އެމެރިކާ ބައްރުގެ ބްރެޒިލް، ވެނެޒުއޭލާ އަދި މެކްސިކޯ ފަދަ ގައުމުތަކުގައިވެސް މި ފިޔަވަޅު އަޅާފައިވެއެވެ.


މި ގައުމުތަކުންވެސް ވޭޕް މަނާކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރަނީ، ވޭޕަށް މަސްތުވާ މާއްދާތައް އަޅައިގެން ނުވަތަ ހާއްސަ ކާޓްރެޖްތައް ބޭނުންކޮށްގެން މަސްތުވުން އިތުރުވުމެވެ. އަދި ސީދާ ވޭޕް މަނާނުކޮށް މިކަން ހުއްޓުވޭނެ އެހެން ގޮތެއް ނެތުމެވެ.


ރާއްޖޭގެ ސްކޫލުތަކުގެ ތެރެއިން ވޭޕް ފެނުމުގެ މައްސަލަތައް އިތުރުވެ، އާދައިގެ ވޭޕްގެ ނަމުގައި އޮޅުވާލައިގެން މަސްތުވާ މާއްދާތައް ހިމެނޭ ވޭޕްތައް ކުޑަކުދިންނަށް ވިއްކަމުންދާ މައްސަލައަކީ މުޅި މުޖުތަމައު މިއަދު ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. ސަރުކާރުގެ މި ނިންމުމަކީ މިފަދަ ނުރައްކާތަކުން ޒުވާން ޖީލު ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement