
ކުރީގެ ރައީސުންނާއި މެމްބަރުންގެ ބައެއް އިނާޔަތް އުނިކުރަން ނިންމެވިކަން ރައީސް އިއުލާނުކުރައްވައިފި
އެހެން ވަޒީފާއެއް އަދާކުރާއިރު ރިޓަޔަރމަންޓް ނުލިބޭގޮތްވެސް ހަދަނީ
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރަން ސަރުކާރުން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ވިދާޅުވީ އެބަދަލު ގެންނެވުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތުމުން ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެބަދަލު ގެނެވޭނެއެވެ.
މީގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށް ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ ވަރަށްގިނަ ބޭފުޅުން މިވަގުތުވެސް މަގާމްތަކުގައި އެބަތިއްބެވިއެވެ.
ރައީސްގެ މިނިންމެވުން އިއުލާނުކުރައްވާފައި މިވަނީ އެކަން ޕީއެންސީގެ ޕީޖީ ގއރޫޕާވެސް ހިއްސާކުރެއްވުމަށްފަހު އެވެ.
ރިއެކްޝަންސް






