
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި ތަރުކާރީ އެސްޓިއޯއިން ގަނޑުކޮށް އެތެރެކުރަން ނިންމައިފި
މުގު، ބިސް، އަދި އަލުއިވެސް ގަނޑުކޮށް އެތެރެކުރާނެ
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި ތަރުކާރީ އެސްޓިއޯއިން ގަނޑުކޮށް އެތެރެކޮށް, ރާއްޖޭގެ ބާޒާރުގައި ވިއްކަން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަރުކާރީއާއި މޭވާގެ އިތުރުން މުގު، ބިސް، އަދި އަލުއިވެސް އެސްޓީއޯއިން ގަނޑުކޮށް އެތެރެކުރަން ނިންމަވާފައިވާ ކަމަށެވެ. އެނިންމެވުން ނިންމެވީ ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަމެއް ކަމަށެވެ. ރާއްޖޭގައި މިހާތަނަށްވެސް ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ،ހަކުރު،އަދި ފުށް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ކޮންޓްރޯލް އަގުގައި ވިއްކައެވެ.
ކެބިނެޓުން މިފަދަ ނިންމެވުމެއް މިނިންމެވީ މޭވާއާއި ތަރުކާރީގެ ބައެއް ބާވަތްތަކުގެ އަގުތައް ވަރަށްބޮޑަށް އުފުލި ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައި ވަނިކޮށެވެ.
ރިއެކްޝަންސް






