
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގިނަ އިސްލާހުތަކެއް ސަރުކާރުން ހުށަހަޅައިފި
މެމްބަރުން އައްޔަންކޮށް ވަކިކުރުމުގައި ރައީސްގެ ދައުރެއް ނޯންނާނެ
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގިނަ އިސްލާހުތަކެއް ސަރުކާރުން މީޑިޔާ ބިލަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ބިލް ދިރާސާ ކުރުމުގެ މަރުހަލާގައި ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް 13 އިސްލާހެއް ހުށަހަޅުއްވާފައެވެ. ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ހުށަހެޅި އިސްލާހު ހިމެނެއެވެ. އަދި ކޮމިޝަންގެ ރައީސް ކަނޑައެޅުމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހުށަހެޅުއްވި އިސްލާހު ހިމެނެއެވެ.
ކޮމިޝަނަށް އިންތިޚާބުކުރެވޭ މެމްބަރުންގެ މެމްބަރު ކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ, އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހުތިޔާރުވެސް އިސްލާހުގެ ދަށުން ލިބެނީ މެންބަރުން އިންތިޚާބުކުރުމަށް ވޯޓްދިން ފަރާތްތަކަށެވެ. ވަކިވަކި ނޫސްވެރިންނާއި މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރަންވެސް ދައުލަތުން ވަނީ ހުށަހަޅުއްވާފައެވެ.
މީގެއިތުރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މީޑިޔާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ހަމަވާ ބައެއްކަމުގައި ހަމަޖެއްސުން ހިމަނާ މާއްދާއެއް އިތުރުކުރުން ހިމެނެއެވެ.
ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއެއް ނުވަތަ ކޮމިޝަނުން ޝަކުވާއެއް ބަލަން ނިންމައިފިނަމަ އެމައްސަލައިގެ ތަހުޤީގު ކޮމިޝަނުން ޤާއިމްކުރާ ވަގުތީ އެޖުޑިކޭޝަން ކޮމިޓީން ކުރާ ގޮތަށް ހަމަޖައްސަންވެސް ވަނީ ހުށަހަޅާފައެވެ. އަދި އެކޮމިޓީއާ ގުޅޭ އުޞޫލުތައް ބިލްގައި ހިމަނަންވެސް ހުށަހެޅުއްވިއެވެ.
ބަންޑާރަނައިބު ހުށަހެޅުއްވި އިސްލާހުތަކާއެކު ބިލް ފާސްކޮށްފިނަމަ ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ކޮމިޝަންގެ މެމްބަރަކަށްވެސް ނުވެވޭނެއެވެ. ހުށަހެޅުއްވި ގިނަ އިސްލާހުތަކަކީ ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބޭ އިސްލާހުތަކެކެވެ. މިބިލަކީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.
ރިއެކްޝަންސް






