ތިލަފުށީ ވިޔަފާރި ބަނދަރުގެ ބިންގާ އެޅުން ޖުލައި މަހުގެ 6 ވަނަ ދުވަހު
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ގާއިމުކުރާ އައު ބަނދަރުގެ ބިންގާ އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހު އެޅުމަށް ނިންމާފައިވާ ކަމަށް ވިޔަފާރީގެ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، 2027 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މާލޭގެ ކޮމާޝަލް ޕޯޓު އެއްކޮށް ތިލަފުއްޓަށް ބަދަލުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މާލޭގެ މިހާރުގެ ބަނދަރަކީ މީގެ 40 އަހަރު ކުރީގެ ޑިމާންޑަށް ފަރުމާކޮށްފައިވާ ތަނަކަށް ވީއިރު، ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީވަމުން އައި މިންވަރަށް ކަނޑުގެ ބަނދަރު ތަރައްގީކުރެވިފައި ނުވެއެވެ. ނަމަވެސް އައު ބަނދަރު ނިމެންދެންވެސް، މާލޭ ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ސަރުކާރުން މަރުހަލާތަކަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ބަނދަރުތައް ހީނަރުވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ވަޒީރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުޅުދުއްފުށީ ބަނދަރު އިތުރަށް ފުންކޮށް، ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު އެތަނުގައި ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، އައްޑޫ ސިޓީގެ ބަނދަރަށްވެސް އެއް ހެކްޓަރުގެ ބިން އިތުރުކޮށް، ޑިއުޓީ ފްރީކޮށް މުދާ ބެހެއްޓުމާއި ކުދިކުދި ސިނާއީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ސަރުކާރުން ބާރުސްޕީޑުގައި ކުރިއަށްގެންދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ރިއެކްޝަންސް





