މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަ ދުވަހަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ: މެޓް އޮފީސް
ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑަކާ ގުޅިގެން ރާއްޖޭގެ މޫސުން ކުރިއަށްއޮތް ހަ ދުވަހަށް ގޯސް ވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ވަނީ ހުޅަނގަށް ޖެހިފައިކަމަށެވެ. އެހެންކަމުން އެކޮޅިގަނޑުގެ އަސަރު މާދަމާއިން ފެށިގެން ރާއްޖޭގެ ސަރަޙައްދުތަކަށް ކުރާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރަންފެށުމާއި އެކު ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދޭނެ ކަމަށާއި, އެހެންކަމުން 13 ޖެނުއަރީން 18 ޖެނުއަރީ އާ ދެމެދު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރަނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުގެ ބަޔާނުގައި ވެއެވެ.
އަދި މި ވިއްސާރާއިގައި ބައެއް ރަށްރަށަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި, އާންމުވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ޙާއްސަކޮށް, އުތުރާއި މެދުރާއްޖެތެރެއަށް މޫސުމް ގޮސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ބައެއް ރަށްރަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް ބަލާ, އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މިފަހަރުގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ ޖެނުއަރީ ދެވަނަ ދުވަހު ކަމަށް މެޓް އޮފީން ކުރިން ވަނީ އިއުލާންކޮށްފައެވެ. މިއާއެކު މިފަހަރުގެ ކޮޅިގަނޑު އިރުވައި މޫސުމުގެ ދެވަނަ ނަކަތުގެ ފެށުމާއި އެކުވެގެން އައުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ޖެނުއަރީ މަހު ކުރީކޮޅު ރާއްޖެއަށް ކުރި ވިއްސާރައިގައި ރާއްޖޭގެ އެކިރަށްރަށަށް ބޯކޮށްވާރޭވެހި އުދަ އަރާ, ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު, ވެރިރަށް މާލެއަށްވަނީ ރެކޯޑް މިންވަރަކަށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް މިބިފައެވެ. ނެޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކުރި ގޮތުގައި އެފަހަރު ވިއްސާރައިގައި ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރައެވެ.
މޫސުމް ގޯސްވާނެކަމަށް ލަފާކޮށް އެ މުސުމާބެހޭ ގައުމީ އިދާރާއިން ނެރޭ އެންމެ ފަހުގެ މޫސުމީ ސަމާލާއި އިންޒާރުތަކާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށްވެސް އެ އިދާރާގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ރިއެކްޝަންސް