
ވައުދާ އެއްގޮތަށް މަސް ގަންނަ އަގު ބޮޑުކުރާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދެއްވައިފި
ވައުދާ އެއްގޮތަށް މަސް ގަންނަ އަގު ބޮޑުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދަކީ މަސްކިލޯއެއް 20 ރުފިޔާ އަށް ގަތުމެވެ. އެޔަގީންކަން ރައީސް ތަކުރާރުކުރެއްވީ އިއްޔެ އެމަނިކުފާނުގެ އޮފީހުގައި ކެޔޮޅުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ ސާޅީސް އަށް ގަޑިއިރުތެރޭ ފައިސާ ދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަޤީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް ގަވާއިދުން ގެންދަވަނީ ފައިސާ ދެއްވަމުންނެވެ.
ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކުރައްވައިގެން، މަސްވެރިންގެ ޚިޔާލާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަސްވެރިން ރައީސުލްޖުމްހޫރިއްޔާފެ އަރިހުގައި ހިއްސާކުރެއްވި މައިގަނޑު ކަންބޮޑުވުންތަކަކީވެސް އެއީއެވެ.
އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްޞީލްވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އެގޮތުން އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް ކެއުޅުންނާ ހިއްސާކުރެއްވިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ކެޔޮޅުންނާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.
ރިއެކްޝަންސް






