8 އަތޮޅެއްގެ 8 ރަށެއްގައި އެފްއެސްއެމްގެ ތެޔޮ ޝެޑްތައް ޤާއިމުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ކޮންމެ އަތޮޅަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް، މިހާތަނަށް 8 އަތޮޅެއްގެ 8 ރަށެއްގައި އެފްއެސްއެމްގެ ފިއުލް ޝެޑް ޤާއިމުކޮށް ނިމިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މަސްވެރިންނާއި ޢާންމު ރައްޔިތުންނަށް އެސްޓީއޯގެ ކޮންޓްރޯލް އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ފެށި މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސިޓީތައް ހިމެނޭހެން، ހުރިހާ އަތޮޅަކުން މި ޚިދުމަތް ލިބޭނެ އިންތިޒާމު 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން އެއްކޮށް ނިންމުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާތަނަށް ފިއުލް ޝެޑްތައް ހަދައި، ޚިދުމަތް ދޭން ފަށާފައިވާ ރަށްތަކަކީ:
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ށ. މިލަންދޫ
ރ. ދުވާފަރު
ބ. އޭދަފުށި
ދ. މީދޫ
ދ. ކުޑަހުވަދޫ
ފ. ނިލަންދޫ
ގިނަ އަތޮޅުތަކުގައި މިހާތަނަށް ތެޔޮ ފޯރުކޮށްދެމުން ގޮސްފައިވަނީ އަމިއްލަ ފަރާތްތަކުން ކަމަށްވާތީ، ޢާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމުގެ ދަތިކަން ރައްޔިތުންނަށް އޮތީ ކުރިމަތިވެފައެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދިނުމުގެ ގޮތުން، ރާއްޖޭގެ 18 ރަށެއްގައި ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު އިފްތިތާޙުކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރުގެ ތެރޭގައިވެސް އިތުރު ރަށްތަކެއްގެ މަސައްކަތް ނިންމައި، ފިއުލް ސްޓޭޝަންތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިއީ ރައްޔިތުން، ވަކިން ޚާއްޞަކޮށް މަސްވެރިންނާއި ސިނާޢީ އެކި މަސައްކަތްތައް ކުރާ ފަރާތްތަކުން ހަކަތައަށް ކުރާ ހޭދަ އެތައް ގުނައަކުން ކުޑަކޮށްދޭނެ ކަމެއް ކަމަށެވެ. އަދި ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ވަގުތު ސަލާމަތްވެ، ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ދަތިވެ، އެތައް އަހަރެއް ވަންދެން އުފުލަންޖެހުނު މިފަދަ ބުރަތައް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުން ލުއިކޮށްދެއްވައި، ޤައުމަށް ފާގަތި ހެޔޮ ބަދަލުތައް ގެންނަވަމުންދާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ރިއެކްޝަންސް





