ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމުގެ ގޮތުން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފި

ވިލުންތެރި ކުރިމަގެއް ކަށަވަރުކުރުމުގެ ގޮތުން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދިވެހިރާއްޖެއިން ގޮވާލައްވައިފި

44 minutes ago - 13:32
Advertisement
Advertisement

ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް (ޖީޑީއައި)ގެ އަމާޒުތައް ކަށަވަރުކުރުމުގައި ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިފަދައިން ވިދާޅުވީ، ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ޗައިނާ އިން އިސްވެ ބޭއްވި ހައިލެވެލް މީޓިންގ އޮން ދި ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްގައި މިއަދު ތަޤްރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޖީޑީއައި އިތުރަށް ފުޅާކުރުމަށް ޗައިނާއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢުތަކުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، ރާއްޖެއާއި ޗައިނާގެ ދެމިގެންދާ ގުޅުމާއި، ޗައިނާއިން ރާއްޖޭގެ ޤައުމީ ތަރައްޤީގައި އަދާކުރަމުންދާ ދައުރަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުވަނީ ދަރަނީގެ ދަންތުރައިގެ ސަބަބުން ޤައުމުތަކުގެ ވިލުންތެރިކަން ކަށަވަރުކުރުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި، މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި އެހެންކަމުން ކޮޕް31ގެ އަމާޒުތަކަށް ވާޞިލްވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ދެމެހެއްޓިނިވި ތަރައްޤީގައި ސައިންސާއި، ޓެކްނޮލޮޖީއާއި، އާޓިފިޝަލް އިންޓެލިޖެންސް ހިމެނޭހެން އީޖާދީ ވިސްނުންތަކަކީ މުހިންމުކަމެއް ކަމުގައި ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަޢުލޫމާތާއި ޓެކްނޮލޮޖީ ޙިއްސާކުރުމާއި، ކެޕޭސިޓީ ތަރައްޤީކުރުމަށް ތާޢީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ތަޤްރީރު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވައި، ވިލުންތެރި، އެންމެން ޝާމިލްވާ، ދެމެހެއްޓެނިވި ކުރިމަގެއް ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement