
އެސްޓީއޯ އާއި އެސްޓްރަޒެނެކާ ގުޅިގެން އޮންކޮލޮޖީ ނަރުހުންނަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފި
އެސްޓީއޯ، އެސްޓްރަޒެނެކާ އަދި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން "އޮންކޮލޮޖީ ނަރސަސް އެކްސެލެންސް" (ONE) ގެ ނަމުގައި ނަރުހުންނަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
އެސްޓީއޯއިން ބުނިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކެންސަރު ބަލީގެ ފަރުވާ އިތުރަށް ހަރުދަނާކުރުމެވެ.
މި ޕްރޮގްރާމްގެ ދަށުން ކެންސަރު ބައްޔަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ތަޖުރިބާކާރުން އެއްވެ، ދިވެހިރާއްޖޭގެ އޮންކޮލޮޖީ ނަރުހުންނަށް ވޯކްޝޮޕްތައް ބާއްވައި ތަމްރީން ދޭނެކަމަށާއި، މިއީ ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އޮންކޮލޮޖީ ނަރުހުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، އެ ދާއިރާއަށް އަންނަ ޒަމާނީ ކުރިއެރުންތަކާ އެއްހަމައަށް ދިވެހިރާއްޖެ ގެންދިއުމަށް ކުރެވޭ މަސައްކަތެއްކަމަށް އެސްޓީއޯއިން ބުންޏެވެ.
ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ފަރުވާދޭ ހުރިހާ މައިގަނޑު ހޮސްޕިޓަލުތަކެއްގެ ނަރުހުންނަށް ކަމަށާއި، މިހާތަނަށް ބޭއްވުނު ދެ ސެޝަންގައި ޖުމްލަ 59 ނަރުހުން ބައިވެރިވެފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ.
ކެންސަރ ސޮސައިޓީން ފާހަގަކުރާ ގޮތުގައި އޮންކޮލޮޖީ ނަރުހުންނަކީ ބަލިމީހާއާއި ފަރުވާއާ ދެމެދު އޮންނަ މުހިންމު ގުޅުމެކެވެ. މި ޕްރޮގްރާމަކީ އެ ފަރާތްތަކުގެ މުހިންމުކަން ވަޒަންކޮށް، އޮންކޮލޮޖީ ނަރުހުން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތެކެވެ.
އެސްޓީއޯއިން ބުނީ އެކުންފުނީގެ އަމާޒަކީ ކެންސަރު ބައްޔާ ގުޅޭގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލީގެ ފަރުވާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ އިސްކަމެއް ދިނުންކަމަށެވެ.
ރިއެކްޝަންސް






