ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި
ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

13 days ago - 10:46
Advertisement

ނިޔަތާއި ބަހާއި ޢަމަލުން އިސްލާމްދީނުގައި ސާބިތުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ. އެމަނިކުފާނު ދިވެހި އުންމަތަށް މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެން މި ރާއްޖެ ގެދޮރާއި އުމްރާނީ ތަރައްޤީގެ ގޮތުން ބިނާކުރާ ފަދައިން، ފިކުރާ ސިކުނޑީގެ ގޮތުން ބިނާކުރަން ބޭނުންފުޅު ވާކަމަށެވެ. ކީރިތި ޤުރްއާނާ މޫރިތި ސުންނަތް އިރުޝާދު ދޭ ފަދައިން ބައްޓަންވެފައިވާ ރަނގަޅު މުޖުތަމަޢަކަށް މި ދިވެހި މުޖުތަމަޢު ބަދަލުކުރުމުގައި އެންމެންގެ ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގްނެވިއެވެ.

ދޮގާ ޣީބަޔާއި ފުރައްސާރަ އުފުލާ ފާސިޤުން ގެންނަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން އޭގެ ދޮގުތެދު ބެލުމަށް ކީރިތި ޤުރްއާން އިރުޝާދުދޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އިވޭ އިވުންތަކާ މެދު މަސްއޫލުވުމަށް، ފަރުވާތެރިވުމަށް އިލާހީ އަމުރުފުޅު އައިސްފައިވާކަމާއި, ރަނގަޅު ވާހަކައެއް ނޫނީ ނުބުނުމަށް ސުންނަތުން އިރުޝާދު ލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މިއަދު އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ މުނާފިޤުން ތަޢާރަފްކުރި ހުތުރު ފިތުނަތަކުން ނޫން ކަމަށެވެ.

"ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ މުނާފިޤުން ދުނިޔެއަށް ތަޢާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން. އަޅުގަނޑުމެން ނަމޫނާ ލިބިގަންނަންވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދުނިޔެއަށް ގެނެސްދެއްވި މޫރިތި ރިވެތި އަޚްލާޤީ ސިފަފުޅުތަކުން" ރައީސް ވިދާޅުވިއެވެ.

Advertisement

އިސްލާމްކަމަކީ ހަމައެކަނި ދުލުކުރިން ބޭރުކޮށްލާ އަޑެއް ނޫންކަން ފާހހަގަކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ އިސްލާމަކީ ނުވަތަ ފުރިހަމަ މުއުމިނަކަށް ވެވޭނީ ހިތުގެ އެންމެ ފުނުގައި ދިރުވަމުންދާ ހަރުދަނާ އީމާނާއި ޞައްޙަ ޢަޤީދާގެ މައްޗަށް، ތިމާ ކުރާހާ ކަމަކާއި ބުނާހާ ބަހެއް ސީދާކުރެވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދުގެ ޒުވާނުން ޤައުމާއި މުޖުތަމަޢުގައި ބާރުވެރިކުރުމަށް ޓަކައި މިޒުވާން ޖީލުގެ ވިސްނުމާއި ގުޅުވާލެވޭނެ ގޮތަކަށް އިސްލާމްދީނާއި ދިވެހީންގެ އަސްލުވަންތަކަން ރަނގަޅު މާނައިގައި ފަހުމުވާ ބަޔަކަށް ޒުވާނުން ހަދަންޖެހޭ ކަމަށެވެ. ދިވެހީންގެ ތާރީޚާއި ދިވެހީން މިއަދާ ހަމައަށް މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތް ޙަޤީޤަތްތައް އެޒުވާނުންނަށް ވިސްނޭނެ ގޮތަކަށް  އަންގައިދެވެންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިސްލާމީ ޝަޚްޞިއްޔަތާއި ދިވެހި ޤައުމިއްޔަތަކީ ދިރިއުޅުމުގެ ބަޔަކަށް ހަދަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ އިންސާނިއްޔަތާއި އަޚްލާޤާއި މާނަވީ ހަރުދަނާކަން އަދުގެ ޖީލުތަކުގައި އަށަގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. ޓީޗަރުންގެ ދުވަހާ އިއްތިފާގުން ދިމާވި ރާއްޖެ އިސްލާމްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހައި މުދައްރިސުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާ ކަމަށެވެ. ރާއްޖެ އިސްލާމްވީ ދުވަހުން ލިބޭ އުފާވެރިކަން ރައީސް ފާހަގަކުރެއްވިއެވެ.

" ރާއްޖެ އިސްލާމްވި ދުވަސް، ދިވެހި ޤައުމަށް ލިބިދިނީ ހިދާޔަތާއި ސަލާމަތު. އިޙްސާނާއި ލޯބި.  ކުލުނާ ހަމްދަރުދީ. ޙުރުމަތާ އިޙްތިރާމް. ފުރިހަމަ މިނިވަންކަމާއި ސިޔާދަތު" ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement