ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އަޅަނީ

ތިލަފުށީގައި މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް އަޅަނީ

1 hour ago - 11:55
May 2, 2026 - 11:56
Advertisement
Advertisement

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެ ރަށުގައި ޒަމާނީ ފެންވަރުގެ "މަލްޓި އޮޕަރޭޓެޑް ޓާމިނަލެއް" ގާއިމުކުރުމުގެ ވިސްނުން ހުރިކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.


މިކަން ހާމަކުރެއްވީ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "ޓްރޭޑް ޑެސްކް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އެމްޕީއެލްގެ މޭނޭޖަރ ބިޒްނެސް ޑިވެލޮޕްމަންޓް އައިމަން އަލީއެވެ. އޭނާ ވިދާޅުވީ 2027 ވަނަ އަހަރުގެ ނޮވެމްބަރު 11 އަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ބާރުގަދަކޮށް ކުރިއަށްދާއިރު، އެމްޕީއެލްއިން ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާނެ ހާއްސަ މާސްޓަރޕްލޭނެއް އެކުލަވާލާފައެވެ.


އައިމަން ވިދާޅުވި ގޮތުގައި ތިލަފުށީގައި ގާއިމުކުރާ މި ބަނދަރުގައި ކޮންޓެއިނަރ ޓާމިނަލަކާއި، ޑޮމެސްޓިކް ޓާމިނަލެއްގެ އިތުރުން ޖެނެރަލް ކާގޯ ބަރުކޮށް ބާލާނެ ޓާމިނަލެއް ހިމެނޭނެއެވެ. މިހާރު މާލޭގެ ނޯތު ހާބަރާއި ޓީޖެޓީގައި ޚިދުމަތް ދެނީ އެންމެ ފަސް ހެކްޓަރުގެ ސަރަހައްދެއްގައި ނަމަވެސް، ތިލަފުށިން 20 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން އަހަރަކު 20 ފޫޓުގެ ތިން ލައްކަ ކޮންޓެއިނަރަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


"މިއީ މިވަގުތު ހުރި ދަތިތަކަށް ކުރިއަށް އޮތް އަހަރުތަކަކަށް އަޅުގަނޑުމެން ދުރާލާ ޕްލޭންކޮށްގެން ކޮންމެވެސް ވަރެއްގެ ރިލީފްއެއް ދިނުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް،" އައިމަން ވިދާޅުވިއެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ 90 އިންސައްތައަކީ ކަނޑުމަގުން ގެންނަ ތަކެތި ކަމަށްވުމާއެކު، ބަނދަރުގެ ޖާގަ ބޮޑުވުމަކީ ރާއްޖޭގެ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ، މި ބަދަލާއެކު މިހާރު 7 ދުވަހުން ހުސްކުރެވޭ ބޯޓުފަހަރު 48 ގަޑިއިރު ތެރޭގައި ހުސްކުރެވޭނެ ކަމަށެވެ. މީގެ ސަބަބުން މުދާ ގެނައުމުގެ ޚަރަދު ކުޑަވެ، މުދަލުގެ އަގުތައް ހެޔޮވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


މީގެ އިތުރުން، މާލޭގައި ހުރި ގުދަންތަކާއި ހޯލްސޭލް ވިޔަފާރިތައް ތިލަފުއްޓަށް ބަދަލުވުމުން، މާލޭގެ ތޮއްޖެހުން ކުޑަވެ، ރަށްރަށަށް މުދާ ފޮނުވުމުގެ މަސައްކަތްވެސް މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement