އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ލަމްއާން އައްޔަންކޮށްފި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ލަމްއާން އައްޔަންކޮށްފި

1 hour ago - 11:59
Advertisement
Advertisement

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެކްސެކެޓިވް އޮފިސާ (ޑެޕިއުޓީ ސީއީއޯ) ގެ މަގާމަށް މުހައްމަދު ލަމްއާން މިއަދު އައްޔަންކޮށްފިއެވެ.


ލަމްއާން މި މަގާމަށް އައްޔަންކޮށްފައިވަނީ، އޭނާ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެކްޒެކެޓިވް މެންބަރަކަށް އައްޔަންކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ހާމަކުރުމާ ގުޅިގެންނެވެ. ލަމްއާން އެމްޕީއެލްގެ ބޯޑަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު އެ މަގާމުން ވަކިކުރެއްވުމަށް ފަހުގައެވެ.


މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ލަމްއާން ހުންނެވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. މިއަހަރުގެ ފެބްރުއަރީ 1 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރެއްވި ލަމްއާން ވަނީ މިއަދު އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ލަމްއާން އިސްތިއުފާ ދެއްވުމާއެކު، އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުގައި ދެން ހުންނަވާނީ މުޖުތަބާ ލަތީފެވެ.


މުހައްމަދު ލަމްއާން އަކީ މީގެ ކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.


އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަގާމުގައި ހުރި ޒިޔަތު އެ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ބަދަލު ގެނެސްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުގެ ޕާފޯމަންސަށް ބަލައި، ބައެއް މަގާމުތަކަށް ބަދަލުތައް ގެންނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement