ރާއްޖޭގެ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ސިޔާސަތުގެ ދަށުން، ނޭޗަރ ޕާކު ތަރައްޤީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފުރުޞަތުގައި ވަރަށް ގިނަ ރަށްތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވެއެވެ. ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު، އެންމެ މަތިން މާކުސް ލިބުނު 10 ރަށެއްގައި މިހާރު ވަނީ ނޭޗަރ ޕާކު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ފަށާފައެވެ.
ނޭޗަރ ޕާކު ތަރައްޤީކުރުމަށް ހޮވުނު 10 ރަށް:
ހއ. މޮޅަދޫ
ހދ. ކުމުންދޫ
ނ. ލަންދޫ
ކ. ހުރާ
އދ. އޮމަދޫ
މ. ކޮޅުފުށި
ތ. ކިނބިދޫ
ލ. ގަން
ގއ. ކޮނޑޭ
ގދ. ފިޔޮރީ
މި މަޝްރޫޢާ ގުޅޭގޮތުން ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނޭޗަރ ޕާކު ތަރައްޤީކުރާ ރަށްތަކުގެ ކައުންސިލްތަކާއި މަޝްވަރާކޮށް، އެތަންތަނުގެ ކޮންސެޕްޓާއި މަސައްކަތް ކުރިއަށްދާނެ ދާއިރާ (ސްކޯޕް) މިހާރު ކަނޑައެޅިފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ހަވާލުކުރުމަށްޓަކައި ކައުންސިލްތަކާއެކު ގްރާންޓު އެގްރިމަންޓުގައި ސޮއިކުރުމުގެ އިދާރީ މަސައްކަތްތައް ކުރަމުންދާކަންވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ތަރައްޤީކުރުމަކީ ތިމާވެށި ހިމާޔަތްކުރުމުގެ އިތުރުން އިޤްތިޞާދީ ގޮތުންވެސް މުހިންމު ކަމެކެވެ. މިހާރުވެސް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ގާއިމުކޮށްފައިވާ ނޭޗަރ ޕާކުތަކުގެ ސަބަބުން، އެ ސަރަޙައްދުތަކުގައި ފަތުރުވެރިކަން ފުޅާވެ، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި މަންފާތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ޕާކުތަކުގެ ޒަރީޢާއިން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.
ރިއެކްޝަންސް





